ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާ އެންގުމުގެ ދަށުން ކޮއްތު ކަނޑާލިނަމަވެސް ބޯފެން ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަދައިގެންފައިވާތީ އެ މަސައްކަތް ކުރެއްވުމަށް މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ފައްޓެވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން މެމްބަރުންގެ ކޮއްތު ކަނޑާލި ނަމަވެސް ބޯފެން ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށާފައިވާއިރު، މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް ނަޝީދު މެދުވެރިކޮށް ވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައި އެ މަސައްކަތް ފަށަން ވެސް ވަނީ ނިންމާފަ އެވެ.
ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

