ޤައުުމުގެ ހާލުގެ ”ދޫ“ މިއަދު ރައްޔިތުންނާއި ކުރަމުންމިދަނީ ވަރަށް ވެސް ބޮޑެތި ސުވާލުތަކެކެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލަވުމާއި، ޤައުމުގެ މުސްތަޤުބަލު ބަނަވުންވަނީ، މި ސުވާލުތަކުގެ ޖަވާބު ރައްޔިތުން ދިން ގޮތެއްގެ މައްޗަށްކަން ކަށަވަރެވެ. ދުނިޔެ އެނބުރެމުން ސެނބުރެމުންގޮސް، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އާފަތްތަކުން ސަލާމަތްވެވެނީ، ކޮންމެ އިންސާނަކު ވެސް، މި ސުވާލުތަކާމެދު ފުންކޮށް ވިސްނައިގެންކަން ކަށަވަރެވެ.
ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ”ހާއްޔަކަށް“ މުޅި ދުނިޔެވެފައިވާއިރު، ދުނިޔޭގެ އިޤުތިޞާދު މިވަނީ ”އަނދަގޮޑިޖެހެން“ ގާތްވެފައެވެ. ދުނިޔޭގެ އިޤުތިޞާދު ދުވަހަކަށްވުރެ ދުވަހަކު ދަށަށް ދަމުންގޮސް، ދުނިޔޭގެ ގިނަ ޤައުމުތަކުގެ ހާލަތު މިއަދު މިވަނީ، ގޮތްހުސްވާ ދަރަޖައަށްގޮސް ”ނެގިމަޑުވެފައެވެ.“ ކަން މިހެން ހުރިއިރު، ދުނިޔޭގެ އިޤުތިޞާދަށް ކުރަމުންދާ މި އަސަރުތައް، މި ކުޑަކުޑަ ޤައުމަށް ވެސް ކުރާނެކަމީ، ކުރަމުންދާކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.
ދުނިޔޭގެ ހާލަތު މި ފަދައިން ހުރިއިރު، ދިވެހިރާއްޖޭގެ އިޤުތިޞާދަށް މި ކަމުން ކުރާނެ އަސަރުތައް ކުޑަކުރެވޭނީ ކިހިނެއްތޯ ވިސްނައިލުން މުހިއްމެވެ. ޤައުމަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތުން އަރައިގަނެ، ޤައުމު ސަލާމަތްކުރެވޭނީ ކޮންފަދައަކުން ކަންކަންކޮށްގެންތޯ ފިކުރުކޮށްލުން މުހިންމެވެ. ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނީ، ކޮންކަހަލަ ރޭވުންތެރިކަމަކާއެކުކަން ދެނެގަތުން މުހިންމެވެ. ޤައުމުގެ ”ލޮލުން“ އޮހޮރޭ ކަރުނަތަށް ގިނަވަމުންދާ މި ތަންވަޅުގައި، ޤައުމަށްޓަކައި ތިބާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައިލުން ވަރަށް ވެސް މުހިންމެވެ.
މާޒީގެތެރެއަށް ތަޙުލީލީ ދުރުމީއެއް އަޅައިލުން ކީއްތޯއެވެ. ދުވަހަކަށްފަހު ދުވަހެއް ފަހަތަށް ސޮއްސައިލަމުންގޮސް، އަޅުގަނޑު މި ނަޒަރު ސީދާކޮށްލަނީ މީގެ ބަޔާޅީހަކަށް އަހަރުކުރިއަށެވެ. އޭރުގެ ދިވެހިރާއްޖެ ތަޙައްމަލުކުރި ދަތި އުނދަގޫ ދުވަސްތަކުގެ މައްޗަށެވެ. ދަންނަވަން މި އުޅެނީ، 1978 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިލާންޖެހުނު ހިތްދަތި މަންޒަރުގެ ވާހަކައެވެ. އަދި ކިއެއްތަ، އެ ހިތްދަތި މަންޒަރުން މުޅި ޤައުމަށް ސިހުންގެނުވި މަންޒަރުގެ ވާހަކައެވެ.
އެންމެ ފުރަތަމަ ވެސް، ނަޒަރު ޙާއްސަކޮށްލަންޖެހެނީ އޭރު ހައްދުންމަތީގައި ހުންނެވި ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާއަށް ސިހުންގެނުވި ހިތްދަތި ޚަބަރަށެވެ. މި ދެންނެވި ޞިއްޙީ އެހީތެރިޔާ ޙަސަން މޫސާ އޭރު ހުންނެވީ އަތޮޅުތެރެއަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރެއްގައެވެ. އެ ދުވަސްވަރު މުޢާސަލާތުކުރަން ގެންގުޅޭ ވޯކީޓޯކީއިން، އޭނާއަށް ލިބިގެންދިޔަ ޚަބަރަކީ، ހައްދުންމަތީ މާމެންދޫގައި ދިރިއުޅުނު، އެ އަތޮޅު ފޮނަދުއަށް ނިސްބަތްވާ ތިންރަށު އަޙްމަދު، ބޭރަށް ހިންގުންޖެހިގެން، މާމެންދޫން ފޮނަދުއަށް ގެންދިޔަ ދަތުރުމަތީގައި ނިޔާވި ހިތާމަވެރި ޚަބަރެވެ. މި ޚަބަރާއެކު ހޭލަމޭލައަށް އުޅެމުންދިޔަ ދިވެހީން ހުއްޓުމަކަށްއައެވެ.
ލ. މާމެންދޫއިން ފެށުނު ކޮލެރާގައި، ކުޑަކުދިންނާއެކު 37 މީހުން އެ އަތޮޅުން ނިޔާވެއްޖެއެވެ. ހަމަ އެއާއެކު، މުޅި ޤައުމަށް މި ރޯގާ ފެތުރިގެންގޮސް، މާލޭގައި ވެސް މި ރޯގާގެ ނުރައްކާތެރިކަން އިތުރުވެއްޖެއެވެ. މި ފަދަ ނާޒުކު ދަނޑިވަޅެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާޞިރަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރުގެދަށުން، ދިވެހިރާއްޖެއަށް ”ކުއްލި ހާލަތު“ އިޢުލާނުކުރައްވާ މި ކުއްލި ހާލަތުން އަރައިގަތުމަށް ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް ވިލަރެސްކުރުމުގެ ކަންތަކާއި ޚުދު އެ މަނިކުފާނު ހަވާލުވެވަޑައިގަތެވެ. ހަމަ އެހެންމެ ވިލަރެސްކުރުމުގެ އެންމެހައި ކަންކަން ހިންގުން ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ބަދަލުކުރައްވައި، ގަލޮޅު ދަނޑުގައި މާލެއާއި އަތޮޅުތަކުގެ ކަންކަމާއި ހަވާލުވެތިބޭ ފަރާތްތަކުގެ މޭޒުތައް ބެހެއްޓެވިއެވެ.
މި ހިސާބުން، މުޅި ރާއްޖެއިން ކޮލެރާގެ އާފާތް ފިލުވައިލުމުގެ މަސައްކަތް، 24 ގަޑިއިރު މެދުނުކެނޑި ހިނގަމުންދާ މަސައްކަތެއްގެގޮތުގައި ހަމަޖެހުނީއެވެ. ދެން ފެނިގެންދިޔަ މަންޒަރުތަކަކީތޯއެވެ. އާދޭހެވެ. ޤައުމު އެ ގޮވާލާ ގޮވާލުމަށް އިޖާބަދީ، ސަރުކާރުގެ މުވައްޒަފުންނާއި، ދިވެހި ރައްޔިތުން ނިކުމެ ސަފުތަށް ރުކުރުވައިލިއެވެ. ކޮލެރާގެ ވެކްސިން ޖެހުމާއި ބޭރަށް ހިނގުން ފެށިފައިވި ރަށްތަކަށް ޑޮކުޓަރުންނާއި، ނަރުހުން، ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި ބޭހުގެ ބާވަތްތަށް ފޮނުވަމުންދިޔައެވެ. ރޭޑިއޯއާއި ނޫސްމަޖައްލާތައް މެދުވެރިކޮށް، ދިވެހީން ހޭލުންތެރިކުރުވަމުންދިޔައެވެ. މާލޭގެ ވަޅުތަކަށާއި ހަނޑަސްބުރިތަކަށް، ”ކްލޮރީން“ އެޅުމުގެ މަސައްކަތްތަށް ކުރިއަށް ގެންދިޔައެވެ. ރަށްރަށުގެ އަތިރިމައްޗަށް ވަޅުޖަހައިގެން މެނުވީ ބޮޑުކަމުދިއުމަކީ މާނާކަމެއްކަން ސަރުކާރުން އަންގަމުންދިޔައެވެ. މާލޭގެ ސައިހޮޓާތަކަށް މެހި ނުވަންނާނެހެން، ދާޖަހައިގެންނޫނީ، އެ ޚިދުމަތްތައްދިނުން މަނާކުރިއެވެ.
ދެން އަޅުގަނޑު މި ޖެހިލަނީ ކޮލެރާގެ ބަލިމަޑުކަމުގެ ޝިކާރައަކަށްނުވެ އޮތް އަތޮޅުކަމަށްވާ ވ. އަތޮޅައި ހިސާބަށެވެ. ލ. މާމެންދޫގައި ކޮލެރާ ފެތުރެމުންދާކަން ހަމަކުރުމާއގުޅިގެން، ވ. އަތޮޅަށް ބަދަލުކުރެއްވި ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ ޙަސަން މޫސާގެ ތަޖުރިބާތަކުން ފިލާވަޅެއް ހޯދުމުގެ މަޤުޞަދުގައެވެ. ކޮންމެއަކަސް، ޙަސަން މޫސާއަށް ލިބިލައްވާފައިހުރި ތަޖުރިބާގެ އަލީގައި، ވ.އަތޮޅުގެ އަތޮޅުވެރިޔާ ހުރާ ޢަބްދުއްސައްތާރާއި ވެރިންނާއި ރައްޔިތުންގެ އެހީތެރިކަމާއެކު ވ.އަތޮޅު ކަރަންޓީނުކުރެއްވިއެވެ. އެ އަތޮޅަށް އަންނަ، އެހެނިހެން ރަށްރަށުގެ މީހުން ރަށަށް ފޭބިޔަނުދީ، އޮޑިފަހަރުގައި ބައިތިއްބައިގެން، އެބައިމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކޮށްދެއްވިއެވެ.
ދިވެހިރާއްޖޭގައި ހަމަސްދުވަހުގެ މުއްދަތަށް ދިގުލައިގެންދިޔަ، މި ބަލިމަޑުކަމުގެ ޝިކާރައަކަށް 11303 މީހުންވެފައިވާއިރު، މި ވަބާގައި 252 މީހުން މި ދުނިޔެއާއި އަލްވަދާޢުކިޔާފައިވެއެވެ. އެހެންނަމަވެސް މި ނާޒުކު ދަނޑިވަޅުގައި ދިވެހީންގެ އަފްރާދުން ގުޅިގެން ކުރި މަސައްކަތްތަކާއި، ފަރުދީ ޒިންމާތައް އަދާކޮށްފައިވަނީ، މިއަދުގެ ޖީލުތަކަށް ނަމޫނާއަކަށްވާނެ ފަދައިންނެވެ.
ކަން މިހެން ހުރިއިރު، މިއަދު ރާއްޖެއަށް ކުރިމަތިވެފައިމިވާ ހާލަތުން އަރައިގަތުމަށް ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނަންވީ ވަގުތުއައިސް ޖެހިއްޖެއެވެ. ފަރުދީ ޒިންމާ އަދާކުރެވޭނެ ގޮތްތަށް ހޯދައިބަލައި، އެއާ އެއްގޮތަށް ޢަމަލުކުރަންވީ ވަގުތުއައިސް ޖެހިއްޖެއެވެ. ސަރުކާރުން ކަނޑައަޅާ ގޮތްތަކަށް ތަބާވެ، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދު ލިބިގަންނަންވީ ވަގުތުއައިސް ޖެހިއްޖެއެވެ.
މި ފަދަ ދަނޑިވަޅެއްގައި، ތިމާގެ ނަފުސު ކަންތައްތައް ބޭނުންވާ މިންވަރު ދަނެގަނެ، އެހެންމީހުންގެ ވެސް އެފަދަ ބޭނުންތަކެއް ހުންނާނެކަން ދެނެގަންނަން ޖެހިއްޖެއެވެ. އަތުގައި ފައިސާ ހުރީތީ ފިހާރަތަކަށްގޮސް، ގޭގެ ޖާގައަށް ނުތަކާވަރަށް އެއްޗެހިގަތުން ހުއްޓައިލާ، އަނެކުންނާ ދޭތެރޭ ވިސްނަންވެއްޖެއެވެ. މަގުތައްމަތީ އެއްވެ އުޅުމާއި، ސާފުތާހިރުކަމުން އެއްކިބާވާފަދަ ކަންކަން ނުކުރުމަށް ނަފުސު އާދަކުރަންވީ ވަގުތު ޖެހިއްޖެއެވެ. ތިމަތިމާމެންގެ ގެވަޅުތަކުގައި ހުސްޖާގައެއް އޮތްނަމަ، އެ ހުސްޖާގައަކީ ބަނޑުފުރާނަމުއްތިކުރެވޭވަރުގެ އެއްޗެއްލިބޭ ގަހަކަށްދޭ ޖާގައެއްކަމަށް ހަދަންވެއްޖެއެވެ. ނަފުސު އިސްލާޙުކޮށް މި އާފާތުން ސަލާމަތްވުމަށާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެފަދަ ގޮތަކަށް، ދިރިއުޅުން ބައްޓަންކޮށް، ތިމާގެ ވެރި ރައްބަށް ވަކީލުކުރަންވީ ވަގުތުޖެހިއްޖެއެވެ.
އާދޭހެވެ. ހަމައެކަނި ފަރުދީ ޒިންމާއެއްނޫން އިނގޭތޯއެވެ. މި ފަދަ ހާލަތެއްގައި ސަރުކާރުން މިކަމާމެދު ފުންކޮށް ވިސްނަންޖެހެއެވެ. ދަޢުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަންޖެހެއެވެ. ދަޢުލަތަށް މަންފާކުރާނެ ގޮތްތަކަކީ ކޮބައިތޯ ބަަލަންޖެހެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި، ބޮޑެތި ލޯނުތަކަށްވުރެ، މި ވަގުތުގައި ޤައުމަށް މުހިންމީ، ޤައުމަށް ރަނގަޅުގޮތަކީ، އެކިއެކި ޤައުމުތަކަށް އެދިގެން ހިލޭއެހީތައް ލިބޭތޯ މަސައްކަތްކުރުމެވެ. މީގެ އިތުރުން، ދަޢުލަތުގެ މުޢައްސަސާތަކަށް ކޮންމެހެން ބޭނުންވާވަރަށް މުވައްޒަފުން އިތުރުކުރުމެވެ. ޕާޓީއަށް ވަނުމުން ވަޒީފާދޭ އުސޫލު ބަދަލުކޮށް، ސަރުކާރުގެ މުޢައްސަސާތަކުގައި ވަޒީފާއަދާކުރައްވަމުންދާ، އަދި ކިއެއްތަ އެ ކަމަށް ކުފޫހަމަވެވަޑައިގަންނަވާ ބޭފުޅުން ފިޔަވައި، ”ކުނިބުނި“ ތަށް ފޮޅައި ސާފުކޮށްލުމެވެ.
ހަމައެހެންމެ، މި ޤައުމަށް އެންމެގިނަ ފައިސާ އެތެރެވާ، އެއް ސިނާޢަތްކަމަށްވާ ޓޫރިޒަމް ހީނަރުވެފައިވާ މި ދަނޑިވަޅުގައި، އަދި ކީއްތަ، ދުނިޔޭގެ ޤައުމުތަށް ”ލޮކްޑައުން“ ކުރާ މި ތަންވަޅުގައި ދަނޑުގޮވާންކުރުމުގެ ސިނާޢަތް ހަލުވިކޮށް ހިންގައިލުމެވެ. މި ގޮތުން ބަލާއިރު، ފަޅުރަށްތަކުގައި ދަނޑުވެރިކަމުގެ ސިނާޢަތް ޤާއިމްކުރެވޭނެ އިންތިޒާމުތަށް ހަމަޖައްސައި ދަނޑުވެރިކަން ފުޅާކުރުމުން އޭގެ ނަފާ ކުރިއަށްއޮތްތަނުގައި ކުރާނެކަން ޔަޤީނެވެ.
ކަމެއްވަނީ ވެސް ބުނެފައެއް ނޫން ދޮގެއްތޯއެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ހިލަމެއްނުވެތިއްބާ ޖެހުނީ މިފަދަ ކިތަށް ގިލަންތޯއެވެ. މި ގޮތުން ބަލާއިރު، ދިވެހިރާއްޖެއަށް އައި ”ބޮޑުތަދު“ ތައް ޢިބްރަތަކަށް ނުފުދޭތޯއެވެ. ޙާޖީ ޢިމާދުއްދީނުގެ ރަސްކަމުގައި ދިވެހިރާއްޖެއަށްއައި މަޝްހޫރު ފުރަތަމަ ބޮޑުތަދުގެ ދުވަސްވަރުގައި، ބުންބާމީހުން މި ރާއްޖޭގައި ވިޔަފާރިކުރަން ތިބިނަމަވެސް، އިޤުތިޞާދީގޮތުން މި ރާއްޖެ އޮތީ ވަރަށް ވެސް އަޑީގައެވެ.
ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ދުނިޔެ ހަމަޖެހުމަށްދާންދެން، މި ”ތަދު“ ގެ އިޙުސާސް ދިވެހީން ކޮށްފައިވެއެވެ.
އޭގެ ފަހުން އައީ އުއްސަކުރު ޒަމާނެވެ. އެ ޒަމާނުގައި ވަރަށް ވެސް ތިޔާގި ކަންމަތީގައި ދިވެހިން އުޅެމުންދަނިކޮށް، އައްސުލްޠާން ޙަސަން ނޫރައްދީން(2) ގެ ރަސްކަމުގެ ދުވަސްވަރު ދެވަނަ ބޮޑު ހަނގުރާމަފެށުމުން، ދެން އައީ ދެވަނަ ބޮޑުތަދެވެ. މި ތަދަށް ”ޙަސަން ފަރީދު ތަދު“ ވެސް ކިޔައެވެ. އައްސުލްޠާން ޙަސަން ފަރީދު އަވަހާރަވެ، ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައި، ދެވަނަ ބޮޑު ހަނގުރާމަނިމި ހަމަޖެހުމުން ވެސް މި ތަދުގެ އަސަރު ރާއްޖެއިން ނުފިލައެވެ.
މި ދެ ތަދުގެ ދުވަސްވަރުގައި ދިވެހި ރައްޔިތުން އުޅުނީ ފަތްޕިލާވެއްޔާއި، ދަނޑުވެރިކަންކޮށްގެން ލިބޭ ބައެއް ތަކެތިންނެވެ. ހަމަ އެހެންމެ އަންނައުނާއި، ޒީނަތްތެރިވުމުގެ ސާމާނާއި، ގެދޮރު ހެދުމުގެ ބާވަތްތަކާއި، އެހެނިހެން ޒަރޫރީ ބޭނުންތަކުން ދިވެހިން ތިބީ މަޙުރޫމުވެފައެވެ.
ކަން މިހެން ހުރިއިރު މިހާރު މި އޮތީ އިތުރު ތަދަކާއި ކުރިމަތިވެފައެވެ. މިއަދު މި އޮތް ހާލަތުން ޤައުމު ސަލާމަތްކުރެވޭނީ މުޅި ޤައުމު އެކައްޗެއް ކިޔައިގެންނެވެ. އެއްބައިވަނަތަކަން އިސްކޮށް ދެކޮޅުވެރިކަން ނައްތާލައިގެންނެވެ. ޤައުމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ރައްޔިތުންނަށް އޯގާތެރިވެގެންނެވެ.

