އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ މެދު ހިންގަމުންދާ ކަމަށް ބުނާ ބޭއިންސާފު އަމަލުތައް ވަގުތުން ހުއްޓާނުލައިފިނަމަ، ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަވާނެ ކަމަށެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކެމްޕޭންގެ ތެރޭގައި އެމަނިކުފާނަށް ތާއީދުކުރި ގިނަ ބަޔަކަށް ވަޒީފާއިން ވަކިކުރުމާއި ފިޔަވަޅު އެޅުން ފަދަ ބޭއިންސާފު ކަންކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިކަންކަން މާދަމާގެ ނިޔަލަށް އިސްލާހުކޮށް، އެޅި ފިޔަވަޅުތައް ބާތިލުކުރުމަށް އެމަނިކުފާނު ސަރުކާރަށް ގޮވާލެއްވިއެވެ.
”އަޅުގަނޑުމެންނަށް ތާއީދުކުރި ގިނަ ބަޔަކަށް ބޭއިންސާފުން ފިޔަވަޅު އަޅައިފި. މާދަމާ އެކަން ރަނގަޅު ކުރޭ. ނޫންނަމަ އަޅުގަނޑުމެން ސަރުކާރުގެ އޮފީސްތައް އޮކިއުޕައި ކުރާނަން. އަޅުގަނޑުމެން ސީދާ ހަރަކާތަށް ނުކުންނާނަން،“ ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިޔާސީ ފިކުރަށް ބަލައި އެއްވެސް ރައްޔިތަކާ މެދު ސަރުކާރުން ބޭއިންސާފުން އަމަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކޮންމެ ވަގުތަކުވެސް ހަރަކާތަށް ނުކުތުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ގައުމަށް ބަދަލު ގެނައުމަށް ޓަކައި ސިޔާސީ ވާދަވެރިންނާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ. ރާއްޖެ މިހާރު އޮތީ ތާރީޚީ މުހިންމު ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި، ޑިމޮކްރަސީއާއި، މިނިވަންކަމާއި، އިންސާފަށް ޓަކައި ކުރައްވާ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ކެމްޕޭނަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ފައްޔާޒު އިސްމާއީލަށް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި އެމްޑީޕީއަކީ އަނެއްކާވެސް އާންމު މެންބަރުންގެ ބަސްވިކޭ، މެންބަރުން އިސްވެ ތިބެ ހިންގާ ޕާޓީއަކަށް ވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

