ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯކްސްގެ ފައިސާއަށް ހިޔާނާތްތެރިކަމަށް ބުނެ ދައުވާކުރި ބޯޓު ކެޕްޓަންގެ މައްޗަށް ކުށް ސާބިތެއް ނުވި

ކްރިމިނަލް ކޯޓް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯކްސް ކުންފުނިން ތެލާއި ޑީސަލް ވިއްކައިގެން ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި އެ ކުންފުނީގެ ކުރީގެ ބޯޓު ކެޕްޓަނެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޖެނުއަރީ 18، 2018 އިން ފެށިގެން އޮކްޓޯބަރު 2018ގެ ނިޔަލަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޯޓު ކެޕްޓަނެއްގެ މަގާމުގައި ހުރެ މ. ބިންއުނިމާގެ، އަބްދުލްމަޖީދު އަލީ، އެ ކުންފުނީގެ ”ވިންދު“ ބޯޓަށް ޕެޓްރޯލާއި ޑީސަލް ވިއްކައިގެން ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެވިކަމަށް ބުނެ ދައުލަތުން ދައުވާކުރި މައްސަލައެކެވެ.

އެ ދައުވާގައި ތުހުމަތުކުރީ އޭނާ އެ ބޯޓަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 119،886ރ. (އެއްލައްކަ ނަވާރަހާސް އަށްސަތޭކަ އަށްޑިހަ ހަ ރުފިޔާ) އަށް ހިޔާނާތްތެރިވި ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 76،300ރ. (ހަތްދިހަ ހަހާސް ތިންސަތޭކަ ރުފިޔާ) ނަގައިދިނުމަށް ވެސް ދައުލަތުން އެ ދައުވާގައި އެދުނެވެ.

ދައުވާއަށް އިންކާރުކުރި ނަމަވެސް، ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި ވެސް އަބްދުލްމަޖީދު ބުނަމުން ދިޔައީ އޭނާގެ ދަބަހުން ފައިސާތަކެއް ގެއްލުނު ކަމަށާއި، އެކަން ވަގުތުން ރިޕޯޓުކުރި ކަމަށެވެ. އަދި މަދުވި ފައިސާ ދައްކަމުންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، މަދުވި ކަމަށް އޭނާ ބުނާ ފައިސާގެ އަދަދަކީ 108،000ރ. (އެއްލައްކަ އަށްހާސް ރުފިޔާ) އެވެ.

އެ ދައުވާ ސާބިތުނުވާ ކަމަށް މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ، ދައުވާގައި ބުނާ ކުށުގެ އަމަލުގެ ދެ ރުކުނެއް ދައުލަތަށް ސާބިތުނުކޮށްދެވޭ ކަމެވެ.

ހުކުމުގައިވާ ގޮތުން، މައްސަލައާ ޑެލިވަރީ ނޯޓުތަކާއި އިންވޮައިސްތަކުން ދައުވާގައި ބަޔާންކުރާ އަދަދަށް އެ މުއްދަތުގެ ތެރޭގައި ފައިސާ ލިބިފައިނުވާކަން އެނގެއެވެ. ނަމަވެސް، އެ އިންވޮައިސްތަކާއި ޑެލިވަރީ ނޯޓުތަކުން، އެ ހިދުމަތުގެ އަގު ދައްކާފައިވަނީ ނަގުދު ފައިސާއިންކަން އެނގޭކަށް ނެތެވެ. އަދި އެ ފައިސާ އަބްދުލްމަޖީދަށް ލިބުނުކަން ވެސް އެނގެން ނެތެވެ. އެންމެ ކުޑަމިނުން ތަހުގީގު މަރުހަލާގައި ވެސް ފުލުހުން އޭނާއަށް އެ އިންވޮއިސްތަކާއި ޑެލިވަރީ ނޯޓުތައް ދައްކައި ސުވާލުކޮށްފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

އޭނާގެ މަސްއޫލިއްޔަތަކީ ކުންފުންޏަށް ލިބެން އޮންނަ ނަގުދު ފައިސާ ކުންފުންޏާ ހަވާލުކުރުން ކަމަށްވާއިރު، ދައުވާގައި ބުނާ މުއްދަތުގައި ދައުވާގައި ބުނާ އަދަދަށް ކުންފުންޏަށް ފައިސާ ނުލިބޭ ކަމަށް ދައުލަތުން ބުނަނީ އެ މައްސަލައިގައި ހެކިބަސް ދިން މީހެއްގެ ހެކިބަހަށް އެކަނި ބުރަވެގެން ކަން ޝަރީއަތުން ފާހަގަކުރިއެވެ.

ހުކުމުގައިވާ ގޮތުން، ގެއްލުނު ފައިސާއަށް ވާ މިންވަރު ބަހާލައިގެން، ޖޫން 2018 އިން ފެށިގެން އަބްދުލްމަޖީދު ވަޒީފާއިން ވަކިކުރުމާ ހަމައަށް އޭނާގެ މުސާރައިން ދިޔައީ ކަނޑަމުންނެވެ. އޭގެ އިތުރުން، އޭނާ ހިޔާނާތްތެރިވިކަމަށް ބުނާ ފައިސާ އޭނާގެ އަމިއްލަ މުދަލުގެ ގޮތުގައި މުއާމަލާތްކުރިކަން ސާބިތުކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު ކުށުގެ އެ ރުކުނު ވެސް ސާބިތުނުވާ ކަމަށް ވެއެވެ.

އޭގެ އިތުރުން، މައްސަލައިގެ ތަހުގީގު މަރުހަލާގައި މައްސަލައާ ގުޅޭ ލިޔުންތައް ނެތްކަމަށް ހޯކްސް ކުންފުނީގެ ފަރާތުން ބުނެފައިވާކަން ވެސް ފާހަގަކޮށްފައިވެެއެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ”މަޖީދު ޝޯޓޭޖް“ގެ ގޮތުގައި ލޭބަލްކޮށް ދެ އަދަދެއް ހިމަނާފައިވާއިރު، 119،886ރ.އަށް ހިޔާނާތްތެރިވިކަމަށް ބަޔާންކޮށްފައިވާއިރު، އޭގައި ބުނާ ޝޯޓޭޖް އަދަދަކީ ކޮބައިކަމެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ހިޔާނާތްތެރިވިކަމަށް ބުނާ އަދަދާ މެދު ހިލާފުތަކެއް އުޅޭތީ ކުށުގެ އަމަލާ ގުޅޭ ތިން ވަނަ ރުކުނު ވެސް ޝަރީއަތަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ހުކުމުގައިވެއެވެ.

ގާޒީ މުޒައްމިލު ނާސިރު ކުރެއްވި ހުކުމުގައި ކަނޑައެޅުއްވީ، ދައުވާގައި ބުނާ ކުށުގެ ރުކުންތަކުގެ ތެރެއިން ދެ ރުކުނެއް ޝަރީއަތަށް ސާބިތުވާތީ އަބްދުލްމަޖީދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: