ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް: ސާޖިދާ

ޝެއާރކޮށްލާ ކަހަލަދޯ؟

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރައްވާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ސާޖިދާ ވިދާޅުވީ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަމަށާއި، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ ޝަރަފުވެރި ބައެއް ކަމަށެވެ. އަދި ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ހާއްސަ ދުވަހެއް ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަހުލާގު އާލާކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

ސާޖިދާ ވިދާޅުވީ އިންސާނީ މުޖުތަމައުގައި ކުލުނާއި އިހްތިރާމު އާލާކުރުމުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް ސާޖިދާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ހިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް ރޭގެ ހަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

އޭގެ އިތުރުން، މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރައްވާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: