ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އަލުން އިންތިހާބު ނުވާނެ، މިހާރު އުޅުއްވަނީ ސިޔާސީ ގޮތުން ބަދަލުހިފުމުގައި: އެމްޑީޕީ

ފޮޓޯ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލުން އިންތިޚާބު ނުވެވޭނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްް އެނގިވަޑައިގަންވާތީ މިހާރު އުޅުއްވަނީ ސިޔާސީ ގޮތުން ބަދަލުހިފުމުގައި ކަމަށާއި 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް ސިޔާސީ ސަބަބުތަކާ ހެދި އެކި ފިޔަވަޅުތައް އަޅާފައިވާކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފިއެވެ.

މިއަދު ބާއްވާ އެމްޑީޕީގެ ”ޖޮބް ބުރާސްފަތި“ އިހުތިޖާޖާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުންދަނީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ގޮތުން ކަމަށާއި، ކުރިއަށް އޮތް އިންތިހާބުތަކާ މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިރުގަނެ، ގޮތްހުސްވެފަައިވާ ކަމަށެވެ.

ހުސެއިން އިތުރަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން މިހާތަނަށް 80 އަށްވުރެ ގިނަ މީހުންނަށް ވަޒީފާގެ އެކި ފިޔަވަޅުތައް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި، ސަސްޕެންޑް ކުރުމާއި، އިންޒާރު ދިނުން ހިމެނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، އެފަދަ 60 މައްސަލައެއް މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު، ފާއިތުވެ ހަފްތާގެ ތެރޭގައި އެކަނިވެސް އިތުރު 10 މައްސަލައެއް އެ ޕާޓީގެ ގާނޫނީ ޓީމަށް ވަނީ ހުށަހަޅާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއީ ހަމައެކަނި ވަޒީފާގެ މައްސަލަތަކެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން ރޭވިގެން ކުރިއަށްގެންދާ ކަންކަން ކަމަށާއި އެކަމުން ދޭހަވަނީ ކުރިއަށް އޮތް އިންތިޚާބުތަކުގެ ނަތީޖާއާ މެދު ސަރުކާރުން ކަންބޮޑުވާ މިންވަރު ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންގެ ތާއީދު ގެއްލިދާނެ ކަމުގެ ބިރަށް ކަމަށެވެ.

”ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ މި ސަރުކާރަށް ދެން އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް. ރައީސް މުޢިއްޒަށް ވެސް އެކަން އެނގިވަޑައިގަންނަވާތީ، މާޔޫސްކަމުގެ ތެރެއިން މިފަދަ ފިޔަވަޅުތައް އަޅަމުން އެދަނީ،“ ހުސެއިން ހަސަން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވި، ގޮތުގައި ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ވެމްކޯ، އެމްއޭސީއެލް، އެމްޕީއެލް، މިފްކޯ، ފެނަކަ، ސްޓެލްކޯ، އެމްޓީސީސީ، އާރްޑީސީ އަދި އެޗްޑީސީގެ މުވައްޒަފުންނަށް ވަނީ ސިޔާސީ ސަބަބުތަކާ ހުރެ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް މިފަދަ ބިރުދެއްކުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި ”ވަޒީފާ ބުރާސްފަތި“ ކެމްޕޭނާއި އިހުތިޖާޖުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މައިދާނުގައި ހިންގާ ސިޔާސީ ތަފާތުކުރުންތަކަށް ހޭލުންތެރިކުރުވުމާއި، ސިޔާސީ ފިކުރަށް ބަލައި މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމަށް ބާރުއެޅުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: