ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެމްކޯގެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އާއި އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހުޅުމާލޭގެ ފަޅުތެރެއަށް ކުނި އަޅާ މައްސަލައަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ޕާކު ސަރަހައްދުގެ މޫދަށް އޮއިވަރާއެކު ޖަމާވާ ކުނި މަދުކުރުމަށް ޓަކައި، އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތްވެސް މީގެ ކުރިން އެޗްޑީސީން ވަނީ ފަށާފައެވެ. މި ސަރަހައްދުގެ ސާފުތާހިރުކަމުގެ މައްސަލަ ބޮޑުވެ، މޫދު ސަރަހައްދު ޕްލާސްޓިކް ފުޅިއާއި ކުނިބުނިން ފުރިފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވެއެވެ.
ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖު ހިމެނޭ މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ، އިޖުތިމާއީ ގޮތުން މުހިންމު ސަރަހައްދެކެވެ. ހަވީރުގެ ވަގުތުތަކުގައި އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކުރާ ސަރަހައްދެކެވެ.

