މޯލްޑިވްސް އިސްލާމިކް ބޭންކަށް ފޮނުވާ ލިޔެކިޔުންތައް ފޮނުވާނީ މެއިލްކޮށްގެންކަމަށް އެ ބޭންކުން ބުނެފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން އިއްޔެ ނެރުނު އެނައުންސްމެންޓެއްގައިވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާޢީ ގައިދުރުކަން ޚިޔާރުކުރުމަށާއި، ބޭރުގައި އުޅުން މަދުކުރުމަށް ސަރުކަރުން އިލްތިމާސްކޮށްފައިވާތީ، އެ ބޭންކަށް ފޮނުވާ ލިޔެކިޔުންތައް ފޮނުވާނީ އީމެއިލުންކަމަށެވެ.
މި ގޮތުން، 23 މާޗްއިން ފެށިގެން، އެ ބޭންކަށް ފޮނުވާ ސިޓީތަކައި، އިންވޮއިސްތަކާއި، ޑޮކިއުމަންޓްތަކާއި، ނޯޓިސްފަދަ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލުންކަމަށެވެ.
މީގެ އިތުރުން، އިސްލާމިކް ބޭންކުންބުނީ، ކޮންމެހެންވެސް ކަރުދާހު ކޮޕީއެއް ހުށަހަޅަންޖެހިއްޖެނަމަ، އެ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމް ސެންޓަރުގައި ޤާއިމްކޮށްފައިވާ، ޑްރޮޕް ބޮކްސްއަށް ލިޔެކިޔުންތައްލުމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން، މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކޮށްފައިވާއިރު، އިސްލާމިކް ބޭންކް ހުޅުވާ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. މި ގޮތުން، އެ ބޭންކުން ޚިދުމަތް ފޯރުކޮށްދެމުން ގެންދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 09:30 އިން 11:30 ދެމެދުގައެވެ.

