ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުން ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވީ، މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ކަރަންޓީން ކޮށްފައިވާ އިތުރު ދެމީހަކު ރަނގަޅުވެފައިވުމުން، މިހާރު ރަނގަޅުވި މީހުންގެ އަދަދު 5 އަށް އެރީ ކަމަށެވެ.
މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ.
ޑރ. މުހަންމަދު ވިދާޅުވީ އިތުރު ދެމީހަކު ރަނގަޅުވިނަމަވެސް ހާލަތު އަދިވެސް ބަދަލު ނުވާ ކަމަށާއި ސޯޝަލް ޑިސްޓެންސާއި މި ބައްޔަށް ފަރުވާތެރިވެގެން ތިބުން ވަރަށް މުހިންމު ކަމަށެވެ.
މީގެކުރިން ކޮވިޑް-19އިން ރަނގަޅުވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޑޮކްޓަރެވެ. އެ ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ ވެސް އިޓަލީ ޓޫރިސްޓެއް މެދުވެރިކޮށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަފުތާއެއް ވަނީ ވެފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ.

