މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވަކި ގޮތެއް އަންގަންދެން އެޤައުމުގެ ވައިގެ ބަނދަރުގެ އެރައިވަލް ޓަރމިނަލް ބަންދުކޮށް، ޓްރާންސިޓް ކުރުން މަނާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ. އެގޮތުން، ސްރީލަންކާއަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ދިވެހި ހާރިޖީއްޔާއިން ނެރުނު ބަޔާނުގައި ވަނީ އެދިފައެވެ.
މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.

