ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

ފޮޓޯ- އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މިނިސްޓަރު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރު މިހާތަނަށް މުރާޖައާ ކުރެވިފައިނުވާތީ، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި ކުދިންގެ ނަތީޖާއަށް ރިއާޔަތްކޮށް މުގައްރަރުގެ ބައިތައް އަލުން ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

”އާ ކަރިކިއުލަމް 2015 ވަނަ އަހަރު ރޯލްއައުޓް ވެގެން ގޮސްފައި މިހާ ހިސާބަށް ދިޔައިރުގައި ވެސް އެކަށީގެންވާ ބަދަލުތަކެއް އައިސްފައެއް ނެތް،“ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އިސްލާހީ ބަދަލުގެ ދަށުން، ދިވެހި، އިސްލާމް، ހިސާބު އަދި އެކި ބަސްތައް ދަސްކުރުމަށް މިހާރަށްވުރެ ގިނަ ވަގުތު ދަރިވަރުންނަށް ހާއްސަކުރެވޭނެއެވެ. އަދި އަންނަ ދިރާސީ އަހަރާއެކު ގްރޭޑް 1، 2، އަދި 3 (ކީ ސްޓޭޖް 1) ގައި މި ބަދަލުތަކަށް އަމަލުކުރަން ފެށުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ސްކޫލަކީ ހަމައެކަނި މައުލޫމާތު ހޯދާ ތަނެއްގެ ބަދަލުގައި، ކުދިން ތަރުބިއްޔަތުކުރާ މުހިއްމު ބިނާއެއް ކަމަށެވެ. އަދި މިކަމުގައި ބެލެނިވެރިންގެ ދައުރު ބޮޑުކަމާއި، ގޭތެރޭގެ މާހައުލަކީ ކުއްޖާގެ ފުރަތަމަ މަދަރުސާކަން ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، ދަރިވަރުންގެ ތަރުބިއްޔަތާއި އުނގެނުމުގައި ބެލެނިވެރިން ޓީޗަރުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ސްކޫލުން އެހީތެރިކަން ބޭނުންވެގެން ބެލެނިވެރިންނަށް ގޮވާލާ ވަގުތުތަކުގައި، އެންމެ އެހީތެރިކަން ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ހާޒިރުނުވެވޭ މައްސަލައަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީގެ އަމާޒަކީ ސަޕޯޓް ސްޓާފުން މެދުވެރިކޮށް ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: