މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މާލެއިން ބޭރުގައި ރަށްރަށުގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ ގެދޮރު ބިނާކުރުމުގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ދެ މޮޑެލްއަކަށް ނުވަތަަ ދެ އުސޫލަކަަށް ހިންގާ މި މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ މޮޑެލްއަކީ އަތް ފޯރާ ފަށުގައި ގެދޮރު ގަންނަން ލިބޭ ގޮތަށް ގެދޮރު ބިނާކުރުމުގެ މަޝްރޫއެއް ކަމަށެވެ.
އެގޮތުން، އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްގީކުރާ އެފޯޑަބަލް ހައުސިން އާއި މާލީ އިދާރާތަކުގެ ފައިނޭންސިން މެދުވެރިކޮށް އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ސްކީމްތަކެއް ވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިއާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ފެންވަރުގެ ހައުސިންއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ރައްޔިތުންނަށް ގިނަ ބޯހިޔާވަހިކަމުގެ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ސަރުކާރުން ރަށްރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކުގައި އާއި އެހެނިހެން ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްހައްދުގައި އާއިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމެވެ.
ހަމައެއާއެކު ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ މާލެ ސަރަހައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަރބަން ސެންޓަރުތަކެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކަށްވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގައި ކުރިން ފަށާފައި ހުރި އެހެންނަމަވެސް ހުއްޓިފައިވާ މަޝްރޫއުތަކާއި، ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އެކަން މަގުފަހިކުރުމަށް ވެސް ސަރުކާރުން އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްރޫއަށް ހުޅުވާލުމުން 43 ރަށަކުން ވަނީ ކުރިމަތިލާފައެވެ.
ރަށްރަށުގައި ގެދޮރު ބިނާކޮށް ގެދޮރުވެރިކަަން ފޯރުކޮށްދިނުމަކީ މާލޭ ސަރަހައްދަށް ބަރޯސާވާ މިންވަރު ކުޑަކޮށް މި ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް މަގުފަހިވާނެކަމެއްކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ، އާބަން މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ހިޖުރަކުރުމުގެ ފުރުސަތު މި މަޝްރޫއުތަކުގެ ތެރެެއިން ފަހިކުރެވިގެންދާނެ ކަމަށެވެ.

