ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި މަޝްރޫއުއާއި ގުޅިގެން ބީއެމްއެލްގެ ތަރުޖަމާނު ސައީދު ވިދާޅުވީ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މާލޭ ސިޓީގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި ”ނެޝަނަލް ހައުސިންް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް“ ފެށުމަށް ކެބިނެޓުން ވަނީ މީގެ ކުރިން ނިންމައިފައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަނީ ބީއެމްއެލް އިން ބުނި ގޮތުގައި އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ ފްލެޓް އެޅުމަށް ފަހު ”ލީސް އެންޑިން ވިތު އޯނަޝިޕް“ މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމަށެވެ. އަދި ކުލި ދައްކައި ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްއޭގެ ”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް“ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އިމާރާތްކުރާ ފްލެޓުތަކުގެ ބިން ބީއެމްއެލް އަށް ދޫކޮށްފައި ވަނީ ހިލެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ބީއެމްއެލްއިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެއީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާންޖެހޭނެ ކަމަށެވެ.

