މިދިޔަ މޭ މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާގެ 81 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މެއި މަހުގެ ތެރޭގައި ކުޑަކުދިން ރައްކާތެރިކުރުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކުރެވުނު ދާއިރާއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު ކުޑަކުދިންނާ ގުޅޭ ޖުމްލަ 269 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 81 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. މިގޮތުން ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 6 ފިރިހެން ކުދިންނާއި 19 އަންހެން ކުދިންނެވެ.
ދެވަނައަށް އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 18 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 9 ފިރިހެން ކުދިންނާއި 9 އަންހެން ކުދިންނެވެ. މީގެ އިތުރުން، ގެވެށި އަނިޔާގެ އަމަލުތަކަށް ކުދިން ހުށަހެޅުމުގެ ނުވަތަ އެފަދަ މަންޒަރުތައް ފެނުމުގެ 5 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 12 މައްސަލައެއްގެ އިތުރުން ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރާ ގޯނާތަކަށް ބަލާއިރު، ސައިބަރ އެކްސްޕްލޮއިޓޭޝަންގެ މައްސަލައަކާއި، ބިރުދައްކައިގެން ފައިސާ ނުވަތަ ކަމަކަށް މަޖުބޫރުކުރުމުގެ (ބްލެކްމެއިލް) މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ބުލީ ކުރުމުގެ 7 މައްސަލައަކާއި އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރުމުގެ (ސައިބަރ ބުލީއިން) 4 މައްސަލައެއް ވެސް މެއި މަހުގެ ތަފާސްހިސާބުތަކުގައި ހިމެނެއެވެ. މުޅި ޖުމްލަ މި ހުރިހާ އަނިޔާގެ މައްސަލަތަކުގައި ހިމެނެނީ 43 އަންހެން ކުދިންނާއި 38 ފިރިހެން ކުދިންނެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް، ހާއްސަކޮށް ޖިންސީ ގޯނާ އާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުންދާތީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް، ގޭތެރެއިންނާއި ކުދިންނަށް ދަންނަ މީހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތައް ގިނަކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ދަނީ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުތައް މެދުވެރިކޮށް ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މުޖުތަމައުގެ ހޭލުންތެރިކަމާއި، މައްސަލަތައް ކުރިއާލާ ރިޕޯޓްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

