ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ގައުމުގެ އިގްތިސާދަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިހުލާސްތެރި ކަމެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯޅިޝަނުން ބުނެފިއެވެ.
ކޮވިޑް19އާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށާއި އިގްތިސާދަށް ވަމުންދާ ގެއްލުން ފޫބެއްދުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރަމުންދާ ކަންތައްތަކަށާއި ނިންމާފައިވާ ނިންމުންތަކަށް ފާޑުކިޔައި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރާއްޖޭގެ އިޤްތިސާދަށް ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާ ކަމަށެވެ.
އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް ކަންކަން ރަނގަޅު ކުރުމުގައި އިޚްލާސްތެރި މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާތަން ނުފެންނަ ކަމަށާއި އެކަމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަން ވިޔަފާރިތަކަށް ފޯރޮކޮށްދެއްވާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެފައިސާއާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކުރައްވާފައި ނުވުމަކީ އޭގައި އެތައް ސުވާލެއް އުފެދިގެންދާ ކަމެއް ކަމަށް އިދިކޮޅުގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން 2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަންވެސް ސަރުކާރުން ސާފު ކޮށްދީފައި ނުވާ ކަމަށާއި އަދި އެ ފައިސާ ދައުލަތުން ހޯދުމުގައި ޢަމަލުކުރާނީ ކިހިނެއްކަން ވެސް ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަންކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމުގެ ޢަމަލީ ފިޔަވަޅުތައް އަވަސްކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރެވޭނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.
ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އިއުލާނުކުރި ޕެކޭޖަކީ މިއަދުގެ ހާލަތުގެ ސަަަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަމީރު ވިދާޅުވީ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި، ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

