ގޭގައި ތިބުމަށް އިލްތިމާސްކޮށް ސަރުކާރު ބަންދުކޮށްފައިވާއިރު، މިފަދަ ކަންކަމަށްވުރެ އިތުރު ފިޔަވަޅެއް އަޅާނަމަ ދެން ދެވެނީ ވަރަށް ހަރުކަށި ހިސާބަކަށް ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މި ވަގުތު ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ އިތުރުން މި ވަގުތު ރާއްޖެ ބަންދުކޮށް ކާފިއު ހިންގުމުގެ އެއްވެސް ވިސްނުމެއް ނެތް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އިތުރު އަޅާނަމަ ދެން ދެވޭނީ ވަރަށް ހަރުކަށި ހިސާބަކަށް ކަމަށާއި ކާފިއު އިއުލާނުކޮށް ވަކި ގަޑިއަކަށް ފަހު މަގުމަތީގަ އުޅުމަކީ ގާނޫނީ ކުށަކަށްވެސް ހެދިދާނެ ކަމަށެވެ. އަދި ވަކި ގަޑިއަކަށް ފަހު ފިހާރަތައް ބަންދުކުރުމާއި، އައިޑީކާޑު ދައްކައިގެން ވަކި ދުވަސްތަކެއްގައި ވަކި ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމުގެ ހުއްދަ ދިނުންފަދަ ފިޔަވަޅުތައް އެޅެން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނަކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެހެން ގައުމުތަކުން އެގޮތަށް އަމަލު ކުރަމުން އަންނަނީ އެ ގައުމުގެ ހާލަތު އެންމެ ފުރަތަމަ ލެވެލްގައި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުގައި ލަސްވުމުގެ ސަބަބުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއަކީ މި ހާލަތުގައި ލިބޭ ދެ އެޑްވާންޓޭޖެއް އޮތް ޤައުމެއްކަން ފާހަގަ ކުރައްވާ، މަބްރޫކް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ބަލި ފެތުރުން މަދުކޮށްކޮށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
”މިބުނާ ވާހަކައަކީ ލޮކްޑައުންއަކަށް ދަންޏާ އޭގެ ވެއިޓް ވިސްނަވަން ވާނޭ، ވަރަށް ހާލުގަ ރާއްޖޭގަ މީހުން އުޅޭނީ، އެހިސާބަށް ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް ނުދާހާ ހިނދަކު އެކަން އެހެން ކުރުމުގެ ވިސްނުމެއް ނެތް“ މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކުރިޔާ އަޅާބަލައި މަދު ބަޔަކު މަގުމައްޗަށް ނިކުމެ އުޅުނަސް، ގިނަ މީހުން ގޭގައި މަޑުކުރާ ކަމަށެވެ. މި ހާލަތުގައި ކާފިއު އިއުލާން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ގޭގައި ތިބުމަށް އަންގައި ކެފޭތަކާ މިފަދަ ހުރިހާ ތަނެއްގެ އިތުރަށް ސަރުކާރު ވެސް ބަންދު ކުރީމަ އަދިވެސް އެ އެންގުންތަކަށް ބޯ ނުލަނބާ މަގުތައް މައްޗަށް ނިކުމެގެން މީހުން އުޅެމުންދާ ކަމަށެވެ. އަދި ކޮފީ ޝޮޕްތައް ބަންދުކުރީމަ އެ ގަނެގެން ގޮސް ތަންތަނުގައި ގްރޫޕް ހަދާފަ ތިބޭތަން ވެސް ފެންނަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

