މިވަގުތު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އެއްވެސް ނުރައްކަލެއް އަދި މިހާތަނަށް ނެތް ކަމަށާއި ހުންނެވި ސިއްހީ ގޮތުން ރަނގަޅު ހާލުކޮޅުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން ރައީސް ސާލިހުގެ ހާލުކޮޅާއި ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާން ހުންނެވީ ދިވެހި ރައްޔިތުންނާއި އެކުގައި ކަމަށާއި އެހެން ކަމުން ދިވެހި ރައްޔިތުންނަށްވާ ކޮންމެ ގޮތެއް އެމަނިކުފާނަށް ވެސް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ޖެހިފައިވާ 13 ފަރާތެއް މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ބަލިން ސަލާމަތްވިކަން ސަރުކާރުގެ ފަރާތުން މީގެކުރިން އިއުލާން ކޮށްފައި ވަނީ ފަސް ފަރާތެއް ރަނގަޅުވި ކަމަށެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އިތުރު ތިން ފަރާތެއް ވެސް ބަލިން ސަލާމަތްވެފައިވާކަން އިއުލާން ކުރައްވާފައެވެ. އެހެން ކަމުން މިހާރު ކޮރޯނާ ވައިރަސްއަށް ޕްޒިޓިވް މީހުންގެ ގޮތުގައި ރާއްޖޭގައި ތިބީ ފަސް ފަރާތެވެ. އެއީ ހުސް ބިދޭނީންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން މިހާރު އަޅާފައިިވާ ފިޔަވަޅުތަކާއި ރާއްޖެ އޮތް ގޮތުން، ރާއްޖެ އަށް މިކަމުން އަރައިގަންނަން އެހެން ގައުމުތަކަށް ވުރެ ފަސޭހަވާނެ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ބަލި އުޅޭ ނަމަ ކަންބޮވުން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހާލަތު އެންމެ ގޯސް ވިޔަސް، ކަންތައް ކުރާނެ ގޮތުގެ ޕްލޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެބަ އޮތް ކަމަށާއި ހާލަތާ ގުޅޭ ގޮތުން މިހާތަނަށް ތިން ފަހަރަކު ޓެކްނިކަލް ޓީމުން ޕްލޭން ރިވައިސްކޮށްފައިވާ ކަމަށާ އަދި އައިސީޔޫ ފެސިލިޓީ އާއި އައިސޮލޭޝަނަށް ވެސް ބޭނުންވާ ކެޕޭސިޓީ ތައްޔާރުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިއީ ފައިނޭންޝަލް ކްރައިސިސްއެއް ނޫން ކަމަށާއި ބޭންކުތަކުގައި ފައިސާ އެބަހުރި ކަމަށާއި ދިމާވި ކަމެއް ދިމާވެގެން މި އުޅެނީ ބަލިމަޑުކަމަކާ ހެދި ދަތުރުކުރުން ހުއްޓުމަކަށް އައިސްގެން ކަމަށެވެ. އެހެންވެ މިކަން ހައްލުވުމާ އެކު އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

