ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްއިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.

ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.

މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، 25 ފަސެންޓާއި ހަމައަށް ފައިދާ ލިބޭނެ ފުރުސަތު ވަނީ ފަހިކޮށްދެވިފައެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން ދާ ކަމަށެވެ. އަދި މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު 2 ގުނައަށްވުރެ ވެސް ބޮޑުވެފައި ކަމަށާއި ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކަ އާއި ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހީން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުމެވެ. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާކަމުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. ދިވެހީން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންދާ ކަމަށާއި އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ ސަބަބެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

”މީގެ އިތުރުން، މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް. މިއާއެކު ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާއެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް މިވަނީ ފަހިވެފައި. ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް. ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް. އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް. މި އަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން.“

ޝަރީފް ވިދާޅުވީ، ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާގޮތަށް ނުވަތަ މެދުކެނޑޭގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ބީއެމްއެލްއިން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި، އަދި ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއް ގާއިމްވެގެން ދިޔަ ކަމަށާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެފަދަ ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތްތަކާއި ފީ ނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓްކުރާ ފަރާތަށް ދެވިގެންދާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި މީގެ ތެރޭގައި ކާޑު ޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ނަތީޖާއަކީ ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިޔުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: