ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ހެޑް އޮފީސް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
ބީއެމްއެލްއިން ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ހެޑްއޮފީސް އިމާރާތްކުރާނެ ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލާފައިވާ ކަމަށެވެ.
ބީއެމްއެލްއިން ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން އެ ކުންފުނީގެ އާ ހެޑް އޮފީސް އިމާރާތްކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ 2,648 އަކަމީޓަރުގެ ބިމެއްގައެވެ. ހުޅުމާލޭ ލޮޓް ނަމްބަރު 11824 ގައި އިމާރާތްކުރަން ހަމަޖެހިފައިވާ އެ އިމާރާތުގެ އުސްމިނުގައި ހުންނާނީ 60 މީޓަރެވެ.
އެ އިމާރާތުގައި މަދުވެގެން 65 ކާރު، އަދި 400 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހުންނަންޖެހޭއިރު، ބޭސްމެންޓް ލެވެލްގެ ދެ ފްލޯ ހުންނަންވާނެއެވެ. ގްރައުންޑް ފްލޯ ހާއްސަކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންނާއި ކަސްޓަމަރުންނާއި ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކަށް ހާއްސަ ރީޓެއިލް އައުޓްލެޓްތަކަށެވެ.
އިމާރާތުގެ ކޮންސެޕްޓް ޑިޒައިނެއް މިހާރު ތައްޔާރުކޮށްފައިވާއިރު، 12 ވަނަ ބުރީގައި ހުންނާނީ ލޭންޑްސްކޭޕްކޮށްފައި ހުންނަ ޓެރެސްއެކެވެ. 13 އަދި 14 ވަނަ ބުރި އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގައި ހާއްސަކޮށްފައިވާއިރު، ރޫފްޓޮޕްގައި ހުންނާނީ ސޯލާ ފާމެކެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން މަސައްކަތުގެ ތަޖުރިބާ އާއި މަސައްކަތްކުރުމުގެ ގާބިލުކަމާއި މާލީ ގާބިލުކަން ހުރިކަން ވެސް ސާބިތުކޮށްދޭންޖެހޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އޭގެ އިތުރުން ކޮންސެޕްޓް ޑިޒައިން ހަގީގަތަކަށް ހެދުމަށް އިތުރަށް ތަފްސީލީ ޑިޒައިންތައް ހަދަން ޖެހޭނީ މަޝްރޫއު ހަވާލުކުރާ ކުންފުނިންނެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެ ކުންފުންޏަކުން އެ މަޝްރޫއަށް ފައިނޭންސިން ހަމަޖައްސަން ޖެހޭނީ ޔޫއެސް ޑޮލަރުން ކަމަށެވެ. އެ ކުންފުނިން ނުވަތަ އެ ކުންފުނީގެ ބެލެނިވެރި ކުންފުނިން ނުވަތަ ބޭންކެއް ނުވަތަ އެހެން ވެސް ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް ފައިނޭންސިން ހޯދޭނެކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30ވަނަ ދުވަހުގެ 16:00ގެ ކުރިން އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ބީއެމްއެލްއިން އެދިފައިވެއެވެ. ޝޯޓްލިސްޓްކުރެވޭ ކުންފުނިތަކަށް އެކަން އަންގާނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

