ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް މިވަގުތު ތިބީ ސަރުކާރާ ދެކޮޅަށް: ޙަސަން ލަތީފް

ބޮޑު ބަދަލު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހަސަން ލަތީފް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާ ޖޯޝަކާއެކު ސިޔާސީ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް މިވަގުތު ތިބީ ސަރުކާރާ ދެކޮޅަށް ކަމަށް އެމްޑީޕީގެ ”ބޮޑު ބަދަލު“ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޙަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި މިހާރު ރައްޔިތުން ތަޙައްމަލު ކުރަމުންދާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކުގެ ސަބަބުން، މި ސަރުކާރަށް އިތުރު ދައުރެއް ދިނުމުގެ ވިސްނުމެއް ރައްޔިތުންގެ މެދުގައި ނެތެވެ.

 ”ރައްޔިތުން ތިބީކީ ސަރުކާރަކާ އެކީގައެއް ނޫން. އެމްޑީޕީގެ މެންބަރުން ނޫން ކަމުގައި ވިޔަސް، މިހާރު ރައްޔިތުން އުޅެމުންދާ ދަތި ހާލުގައި އަނެއް ފަސް އަހަރު ހޭދަކުރާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވޭ،“ އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ދައުރުގެ ދެބައިވިއިރު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ ޝައުޤުވެރިކަން ރައްޔިތުންގެ ކިބައިގައި ނެތްކަން ހާމަވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ބޭއްވުނު އިންތިޚާބުގައި ސަރުކާރަށް ތާއީދުކޮށް ވޯޓުދީފައިވަނީ އެންމެ 30 އިންސައްތަ ރައްޔިތުންނެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތެރޭގައިވެސް ރައީސް މުޢިއްޒަށް އިޚްލާޞްތެރި ބޭފުޅުން މަދުކަމަށާއި، ޕާޓީގެ އެތެރޭގައިވެސް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން، އެ ޕާޓީގެ ”ބޮޑު ބަދަލު“ އޮފީސް، އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި ޤާއިމްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި އޮފީހަކީ ޕާޓީގެ ކުރިމަގުގެ މަސައްކަތްތަކާއި އިސްލާހީ ބަދަލުތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި އުފެއްދި ހާއްސަ އޮފީހެކެވެ.

މި އޮފީސް ގާއިމުކުރުމާ ގުޅިގެން ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އަދި ކުރިއަށް އޮތް ތަނުގައި މި އޮފީހުގެ ދަށުން ގިނަގުނަ ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަން އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: