ސަރުކާރު ބަންދު ދުވަސްތަކުގައި، ބޭންކުތައް ހުޅުވާނީ ތިން ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ( އެމްއެމްއޭ ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ، ކޯވިޑް-19 އާއި ގުޅިގެން، 05 އޭޕްރީލުންް، 09 އޭޕްރީލްއަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ، މި މަހުގެ 06 ވަނަ ދުވަހާއި، 07 ވަނަ ދުވަހާއި، 09 ވަނަ ދުވަހުގައިކަމަށާއި، މި ދުވަސްތަކުގައި ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
މި ގޮތުން ބޭންކުތަކުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، ހެނދުނު 09:00 އިން، މެންދުރު 12:30 އަށްކަމަށާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، ހެނދުނު 09:30 އިން ފެށިގެން، 11:00 އަށްކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ، ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި، ޢާންމު ފަރާތްތަކުން، އެ އޮތޯރިޓީއަށް ފޮނުވާ ސިޓީއާއި، އެހެނިހެން ތަކެތި ބަލައިގަންނާނީ inward.docs@mma.gov.mv މެއިލް މެދުވެރިކޮށްކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން، ރާއްޖެގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން އޮފީސްތަކާއި، މަދަރުސާތަކާއި، މިސްކިތްތަކާއި، ހޮޓާ ރެސްޓޯރެންޓްފަދަ ތަންތަން ބަންދުކޮށް، އެއްވެއުޅުން މަނާކޮށްފައިވާއިރު، މިހާރު މިވަނީ ކޮންމެ ދުވަހަކު ތިން ގަޑިއިރުގެ ވަގުތަށް ކާފިއު ޢިއުލާނުކޮށްފައެވެ.

