މާލޭ މަސްމާރުކޭޓުގެ މަސައްކަތް ސަރުކާރުން ގަދަކަމުން ކުރިއަށް ގެންދަން އުޅޭއިރު، ކޮންޓްރެކްޓް އޮތް ގޮތުން ތިން ވަނަ ފަރާތެއް އެކަމުގެ ތެރެއަށް އައިސްދާނެ ކަމަށާއި އެހެން ވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަނަ ޖެހޭނީ ސަރުކާރުން ކަަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ސަރުކާރުގެ ކަންކަން ކުރުމުގެ ވިސްނުން ހުރީ ގަދަބާރުން ކަންކަން ކުރާ އުސޫލުން ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި މާރުކޭޓުތައް ހިންގުމުގެ ޒިންމާ ކައުންސިލްތަކަށް ހަވާލުކޮށްފައި އޮންނައިރު މާލޭ ސިޓީ ކައުންސިލަށް މަސްމާރުކޭޓުގެ ބިން ހަވާލުކުރަން އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ޖޫން މަހުގެ ފަހު ހަފަތާއާ ހަމައަށް އެ ބިން ހަވާލުކުރުމަށް ސިޓީ ފޮނުވި ނަމަވެސް ފިޝަރީޒް މިނިސްޓްރީއާއި ބައްދަލުކޮށް، މަސްމާރުކޭޓުގެ މައްސަލަ މިހާރު ކިޔައިދެއްވާފައިވާ ކަމަށެވެ. މަސްމާރުކޭޓުގެ ކޮންޓްރެކްޓުގައި ތިންވަނަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން މަސްމާރުކޭޓު ތަރައްގީކުރުމުގެ ހައްގު ދީފައި އޮތް ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ސަރުކާރުން މިކަން ގަދަ ބާރުން ކޮށްގެން ތިން ވަނަ ފަރާތެއް މިކަމުގައި އައިސްފިނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
”ތިންވަނަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން މިތަން ޑިވެލޮޕް ކުރެވޭނެ ހައްގު ދީފައި އެބައޮތް. އެހެންވިއްޔާ އަޅުގަނޑުމެންނަކަށް ނެތް ބުނެވޭކަށެއް، ނެތް ބުނެފައެއް ތިމަންނަމެން ފައިސާތަކެއް ނުނަގާ ކަމަކަކަށް. މިމަހުގައި އެ ފައިސާ ނަގާފައި އެތަން ނުހަދާ އޮވެއްޖެ ނަމަ، ނުހަދާ އޮއްވާ އެތަން ނުނަގައިފި ކަމަށްވާނަމަ އެ ފައިސާއަށް ވީ ގޮތެއް އޮންނާން ވާނެ“
މަސްމާރުކޭޓުގެ މި މައްސަލަ ނުނިމޭ ކަމަށްވާނަމަ ތިން ވަނަ ފަރާތަކުން އެތައް މިލިއަން ރުފިޔާއެއް ހޯދަން އުޅެފާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެހެން ވެއްޖެނަމަ އެކަމުގައި ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
މިއީ ސިޓީ ކައުންސިލްގެ ނުވަތަ ސަރުކާރުގެ ފައިސާ ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ފައިސާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

