ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހާ ބޮޑަށް ފެންބޮޑުވީ މަގު ހެދުމަށް ކަމަށް ބުނެ، ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ނެގުމުން: އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި އެހާ ބޮޑަށް ފެންބޮޑުވީ މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ނެގުމުގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

މޭޔަރު ވިދާޅުވީ، މި މައްސަލަ އެހާ ބޮޑުވެގެން ދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުން، މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަރަށް އެދެވޭ އަދި ރަނގަޅު ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް މިއަދު ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މާލޭގެ ސްޓޯރމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ، މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އެދިވަޑައިގަތީ، ނަގާފައިވާ ޕަމްޕްތަކަށް އަވަސް ބަދަލެއް ހޯދައި، އަދި ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ. އަދި ރައްޔިތުންނަށް މި ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި އިއްޔެ މާލޭގެ ބޮޑު ސަރަހައްދެއް ފެންބޮޑުވިއެވެ. މިދިޔަ 24 ގަޑިއިރު ތެރޭ މާލެއާއި ހުޅުލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފައިވެއެވެ. ކުރިއަށް އޮތީ ވެސް މޫސުން ގޯސް ދުވަސްތަކެއް ކަމަށް މެޓުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: