ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންގެ ބިމެއް ބޭރުގެ ބަޔަކަށް 99 އަހަރަށް ދޭއިރު ކޮންޓްރެކްޓު ސިއްރެއް ނުކުރެވޭނެ، ހާމަކުރަންޖެހޭ: މޭޔަރު އާޒިމް

މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ކައުންސިލުގެ 5 ވަނަ ދައުރުގެ 18 ވަނަ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

99 އަހަރަށް ހުޅުމާލޭގެ ބިމެއް ބޭރުގެ ބަޔަކަށް ފައިދާތަކެއް ލިބޭ ފަދަ ގޮތަކަށް ދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެފަދަ ކޮންޓްރެކްޓެއް ސިއްރުކޮށްފައި ނުބާއްވައި ރައްޔިތުންނަށް ހާމަކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ ވަރުގަދަ އެއް ކުންފުނި، އީގަލް ހިލްސްއަށް، ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް އިމާރާތް ކުރުމަށް ސަރުކާރުން ހަވާލުކުރުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ 18 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، މޭޔަރު ވަނީ 99 އަހަރަށް ދިވެހިރާއްޖޭގެ ބިމުގެ ބައެއް ބޭރުގެ ބަޔަކަށް ފައިދާތަކެއް ލިބޭ ފަދަ ގޮތަކަށް ދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މިހާރު އެތަން ދޫކޮށްފައިވާ 99 އަހަރުގެ މުއްދަތު އިތުރުނުކޮށްދޭނެ ކަމެއް ވެސް އެނގެން ނެތް ކަމަށް ވިދާޅުވެ، މޭޔަރު ވަނީ އެފަދަ ކޮންޓްރެކްޓެއް ސިއްރުކޮށްފައި ނުބާއްވައި ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

”އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް 99 އަހަރަށް ކުއްޔަށް ދިންކަމަށް ބުނަނީ، 99 އަހަރަށްފަހު އަނެއްކާވެސް އިތުރު 99 އަހަރަށް ނުދޭނެކަމެއްވެސް ނޭނގޭ. އަޅުގަނޑުމެންގެ ބިމަކުން އަޅުގަނޑުމެންނަށް ފައިދާނުވާނެ ގޮތަކަށް ބަޔަކަށްދީ ކޮންޓްރެކްޓު ސިއްރުކޮށްފައިވާތީ އެކަމަށް ޝައްކުކުރެވޭތީ ހުރިހާ ރައްޔިތުންގެ ހައްގުގައި މި ދަންނަވަނީ އެ ކޮންޓްރެކްޓެއް ސިއްރެއް ނުކުރެވޭނެ. އެކަން ހާމަކުރަންޖެހޭނެ،“ މޭޔަރު އާޒިމް

ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ ބިޔަ މަޝްރޫއަކީ މުހިންމު މަޝްރޫއެއް ނަމަވެސް މިވަގުތަށް އެންމެ މުހިންމީ އެމްޑީޕީން ފަށާފައިވާ ބޯހިޔާވަހިކަމުގެ ޕޮރޮޖެކްޓްތައް ނިންމައި އެތަންތަނުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ރަސްމާލެ މަޝްރޫއަކީ ތާރީހީ އަދި ބިޔަ މަޝްރޫއެއް ކަމަށާއި އެ މަޝްރޫގެ ސަބަބުން އިގްތިސާދީ ގޮތުން ގައުމަށާއި ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ގުޅިފަޅާއި ގިރާވަރުފަޅުގެ އިރުތުން ހުޅުމާލެ ފޭސް ތިނެއް ހިއްކައި އެ ތަންތަނުން ގޯތި ދެވޭނެ ގޮތް ހުއްޓާ އެ ތަންތަނުން ގޯތި ނުދީ، އަނެއްކާވެސް ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކެއް ސަރުކާރުން ހިންގުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، އެމްޑީޕީން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު އަވަހަށް ނިންމާދިނުމަށް އެދި މިވަގުތު މާލޭގައި ހާލުގައި އުޅެމުންދާ ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރުވެސް އެކަން ކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން މޭޔަރު ވަނީ ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: