ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ އާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތައުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ގަތަރުގެ އަމީރު ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
ރައީސް މި ދަތުރުފުޅުން، ދިވެހިރާއްޖެއާ ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ދިވެހިރާއްޖެއިން ދޭ ހާއްސަ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ގަތަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ގާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ. ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ގަތަރަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.

