ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުކުޑަކުރަން ބޭނުންނަމަ މުވައްޒަފުން ވަކިކުރުމުގެ ކުރިން ހުއްޓުވަންވީ ވައްކަމާއި އިސްރާފު: ޝަމްހީދު

މިއަދުގެ ޖަލްސާގައި ޝަމްހީދު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތާއި ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ބޭނުންނަމަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ހުއްޓުވަންވީ އިސްރާފާއި ވައްކަން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. މުހައްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރުމަށް ޓަކައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ޝަމްހީދު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގައި މިހާރު 42،000 މުވައްޒަފުން އެބަ ތިބި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފަިއވާއިރު އެމްޑީޕީގެ ސަރުކާރު ނިމުނު އިރު ކުންފުނިތަކުގައި ތިބީ 34،000 މީހުން ކަމަށެވެ. އަދި މި ސަރުކާރުގައި މަޖިލިސް އިންތިހާބާ ދިމާކޮށް ފެނަކައަށް އެކަނި 1400 އަށް ވުރެ ގިނަ މުވައްޒަފުން ނެގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަމްހީދު ވިދާޅުވީ، މުވައްޒަފުން މަދުކުރުމުގެ ކުރިން ސަރުކާރުން ކުރަންވީ ކަމަކީ ވައްކަމާއި އިސްރާފު ހުއްޓުވުން ކަމަށެވެ.

”އަޅުގަނޑު އެދެނީ އަޅުގަނޑުމެން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ނުވަތަ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ބޭނުންނަމަ ފުރަތަމަ އަޅުގަނޑުމެންގެ ކުންފުނިތަކުން ނުވަތަ ދައުލަތުން ކުރާ ވައްކަން ހުއްޓުވާށޭ ކޮރަޕްޝަން ހުއްޓުވާށޭ. އެއާއެކު ބޭކާރު އިސްރާފު ހުއްޓާލާށޭ. އޭގެ ފަހުން މުވައްޒަފުންނާ ހަމައަށް ދާންވާނީ،“

އެގޮތުން، އާރުޑީސީއަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 13 މިލިއަން ރުފިޔާ ލިބުނުއިރު 130 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 122 މިލިއަން ރުފިޔާގެ ގެއްލުންވިއިރު ފުރަތަމަ ކުއާޓާގައި 103 މިލިއަން ރުފިޔާގެ ގެއްލުންވިކަން ފާހަގަކުރައްވައި، އެ ކުންފުނިތައް ދަމަހައްޓަން ފައިސާ ހޯދަނީ ކޮންތާކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

”މާނައަކީ މިދިޔަ އަހަރުގެ ތިން ކުއާޓާގައި އެކަނި އާރްޑީސީއަށް 357 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއޭ. މިއީ ކުންފުނިތައް މިއަދު ހިނގަމުންދާ ގޮތް. ކޮންތާކުންތޯ މި ކުންފުނިތައް ފްލޯޓުކުރަން ފައިސާ ދެނީ،“

އޭގެ އިތުރުން އޭނާ ވިދާޅުވީ، އާރްޑީސީއަށް ބޭންކުތަކުން ލޯނު ނުލިބުމުން، ޕޭޕާ ކުންފުންޏެއް ހަދައިގެން ދައުލަތުންް އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން، އިސްލާމިކް ބޭންކުން ލޯނެއް ނަގައި، 10 މިލިއަން ޑޮލަރުގެ މުދާ ގެނެސްފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް ގެނައި އުޅަނދުތަކަށް އަޅާނެ ތެލެއް އަދިި ދުއްވާނެ ޑްރައިވަރެެއް ނެތްއިރު އުޅަނދުތައް ދަބަރަށް ވަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ބެލެންސްޝީޓުގައި ވެސް ގޮތް ނޭނގޭ ޕޭމަންޓުތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއޭސީއެލްއިން ގޮތް ނޭނގޭ ކުންފުންޏަކަށް 3-4 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި ނަމަވެސް، އެ ޕޭމަންޓުތައް ވަނީ ވަންހަނާކޮށްފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް މިސްމެނޭޖުކުރަމުން ދަނީ މިއަދު އެކަންޏެއް ނޫން ކަމަށެވެ. ނަމަވެސް، މިއަދު މިސްމެނޭޖްމަންޓު ކުރިއަށް ވުރެ ދެގުނަ ބޮޑުވެއްޖެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: