ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއު ހައުސިން މިނިސްޓްރީން ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުން ޝަރުތުހަމަވާ ފަރާތްތަކަށް ދޫކުރަން ތަރައްގީކުރާ އެ ހައުސިން ޔުނިޓުތަކުގެ މަޝްރޫއުގެ އެއްބަސްވުންތަކުއި ހައުސިން މިިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏަށް މަޝްރޫއު ހަވާލުކޮށްފައިވަނީ ދެ އަހަރާއި ފަސް މަސް ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންތަކެކެވެ.
މަޝްރޫއު ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މިނިސްޓްރީން ބުނި ގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ “ބޯހިޔާވެހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް، އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ފްލެޓު ގަނެވޭ ގޮތަށް ހިންގާ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފްލެޓުތައް ދޫކުރާނީ ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ތިން ކޮޓްރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް ބުނެފައިވެއެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތު ހަމަވީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި ޖުމްލަ 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ. މި މަޝްރޫއުގެ ދަށުން 7900 ފްލެޓާއި 15000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

