ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތައް ކޮބާ؟ އަބަދުވެސް ކަތިލާ ކަންބަޅިތަކަކަށް ވަނީ ވަކި ބައެއްތަ؟

ރިސޯޓު މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފައި، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން - ފޮޓޯ: ޓްރިޕް އެޑްވައިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުތަކުގެ ހާލަތު މިވަނީ ގޯސްވެފައެވެ. ގައުމުތަކަށް ދިމާވެފައިވާ ހާލަތަކީ، އިގްތިސޯދީ ގޮތުން އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާނެ ފަދަ ހާލަތެކެވެ. ދުނިޔޭގެ ވަރުގަދަ އެތައް ގައުމެއް އިނދަ ޖެހެމުންދާ މަންޒަރު އެބަފެނެއެވެ. ހަމައެކަނި، ވައިރަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ އެއް ނޫނެވެ. މާލީގޮތުން ކުރިމަތި ކުރުވަމުންދާ ފިއްތުންތަކާއި ހެދިވެސް މެއެވެ.

ރާއްޖޭގައި އަދި ލޯކަލް ކޭސްއެއް ފެނިފައި ނުވެއެވެ. ހަތަރު ދިވެއްސެއް ބައްޔަށް ޕޮޒިޓިވް ވީ ނަމަވެސް، އެއީ އިމްޕޯޓެޑް ކޭސްތަކެކެވެ. އެ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނި ޓެސްޓު ކުރިއިރުވެސް ތިބީ ކަރަންޓީން ފެސިލިޓީތަކުގައެވެ.

ރާއްޖެއަކީ އިގްތިސޯދީ ގޮތުން ކުރިއެރުމަށް އެތައް އަހަރެއް ހޭދަ ކުރި ގައުމެކެވެ. ވަސީލަތްތަކުގެ ރޮނގުން މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނެތް މި ގައުމު އެތައް ބައެއްގެ މެދުގައި މަގުބޫލު ވެގެން ދިޔައީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ މައްޗަށެވެ. އޭގެއިން ނަފާ ހޯދާ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވިތާ ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވީއިރު މިއީ މިއަދު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ ދާއިރާއެވެ. ހަމަ ޔަގީނުންވެސް މި ދާއިރާ ނަގާ ކޮޅަށް ޖެހީ، ފަތުރުވެރިކަމުގެ ދާއިރާގެ މުއްސަނދިން އެކަންޏެއް ނޫނެވެ. ދާއިރާއަށް މިހާ ބޮޑު ހީނަރުކަމެއް އައި ވަގުތު ކުންފުނިތަކުގެ ވެރިން ނުވަތަ ރިސޯޓު އޯނަރުންނަށް މުހިންމުވީ މުވައްޒަފުން ނިކަމެތި ކޮށްލުމެވެ. ކާންދިން އަތުގައި ދަތް އެޅުމަށް ރިސޯޓުތަކުގެ އޯނަރުން ފަހަތަކަށް ނުޖެހުނެވެ. ހިތަކަށް ކުޑަނަމަވެސް އަސަެއް ކުރިހެނެއް ހީއެއް ނުވެއެވެ. 

މުވައްޒަފުން، ނޯޕޭ ލީވައަކަށް ފޮނުވާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީއެވެ. އަތަށް ދޭ ލިޔެކިއުމުގައިވާ ގޮތުންނަމަ މުވައްޒަފު ނޯޕޭއަށް ދަނީ އަމިއްލަ އިހުތިޔާރުގައެވެ. ވަޒީފާއިން ވަކި ވުމުގެ ސިޓީގައި ސޮއި ކުރަނީ އަމިއްލަ އިހުތިޔާރުގައެވެ. ނަމަވެސް، އެއީ ބޭރަށް ދައްކާލާ ކުރެހުމެކެވެ. ހަގީގަތަކީ، އެއީ މުވައްޒަފުންލައްވާ ގަދަކަމުން ހިންގާ އަމަލުތަކެއް ކަމެވެ. މުވައްޒަފުންގެ ބޮލުގައި ބަޑިޖައްސައިގެންނެވެ. 

ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން، ވަޒީފާއިން ވަކިކޮށް ނޯ ޕޭއަކަށް ވަނީ ފޮނުވާފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ވާނީ ޒުވާނުނެނެވެ. އެ ޒުވާނުންނަކީ، މުސްތަގުބަލަށް ގިނަ ފޮނި އުންމީދުތަކެއް ކުރާ ޒުވާނުންނެވެ. ވައިރަހާއި ގުޅިގެން މި ސެކްޓާރ އަށް ބޮޑު ހުއްޓުމެއް އައިސްފައިވާއިރު އެ މުވައްޒަފުން ޖެހުނީ މާޔޫސްކަންމަތީ ތިބޭށެވެ. ހަދާނެ އަދި ހެދޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. 

ރިސޯޓު މުވައްޒަފުން ދެކޭ ގޮތުންނަމަ އެ މީހުންގެ ހައްގުގައި ވާހަކަ ދައްކާ މާ ގިނަ ބައެއް ނެތެވެ. އެންމެންގެ ކަންބޮޑުވުމަކީ ވިޔަފާރިތަކަށް ވާނެ ގޮތެވެ. އެ ފިޔަފާރި އަލުން ނަގާ ކޮޅަށް ޖަހާނެ ގޮތެކެވެ. ރަނގަޅު ވާހަކައެކެވެ. ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތެއް ރޭވެން ޖެހެއެވެ. އެހެން ނަމަވެސް، އޭގެ މާނައަކީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ އާދައިގެ މުވައްޒަފު ބިކަކުރާށެކޭ އެއް ނޫނެވެ. މަސައްކަތް ކުރާނެ މަސައްކަތް ކޮށްދޭނެ އަތްތަކެއް ނެތްނަމަ ވިޔަފާރީއެއް ކޮޅަކަށް ނުޖެހޭނެއެވެ. ދެރައީ އެކަން ރިސޯޓު އޯނަރުން ނުވިސްނޭތީއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވާކާލާތު ކުރަމުން އަންނަ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނުވަތަ ޓީމްއިން ޙާމަކޮށްފައިވާ ގޮތުން 11،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެއީ ނޯޕޭތަކާއި ޓާމިނޭޝަންތައް ހިމެނޭ ގޮތަށެވެ. މި އަދަދަށް ބަލާއިރު، މިއީ 11،000 މުވައްޒަފުންނެއް ނޫނެވެ. 11،000 އާއިލާއެވެ. ބައެއް ރިސޯޓުތައް ބަންދު ކުރީ ތިން މަހަށެވެ. ނޯޕޭއަށް ފޮނުވީ ހަތަރު މަސް ދުވަހަށެވެ. އެހެން ކަމަށްވާނަމަ މި ހަތަރު މަސް ދުވަހު އެ ޒުވާނުން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ. ކާން ބޯން ހަދާނީ ކިހިނެއް ހެއްޔެވެ. ރޯދަ މަހަށް މާ ގިނަ ދުވަހެއް ނެތެވެ. ކުރަންޖެހޭ ހަރަދުތަކެއް ހުންނާނެއެވެ.

ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ދިނީ، ދެ ޗޮއިސް އެކެވެ. ރިސޯޓުން ވަކި ގޮތެއް ބުނަންދެން މުސާރައިގެ 50 އިންސައްތަ ނެގުމެވެ. ނުވަތަ ނޯ ޕޭއަކަށް ދިއުމެވެ. ނޫނީ، ވަޒީފާއިން ވަކި ވުމެވެ. މި ވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން ވަރަށް މަދު ހާލަތެއްގައި ނޫނީ ކުންފުނިތަކަށް އަވަސް މުސްތަގުބަލެއްގައި އާ މުވައްޒަފުން ނަގާފާނެ ހެން ހީއެއް ނުވެއެވެ. އެހެން ކަމުން، މުވައްޒަފަށް އެ ޑޮކިއުމެންޓެއްގައި ސޮއި ކުރުން ނޫން އިތުރު ގޮތެއް ނޯވެއެވެ.

ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މި މަހު މުސާރަ ދިންއިރު، އޭގެ ތެރޭގައި ކުޑަމިނުން ރޯދަ އެލަވެންސް ވެސް ނުހިމެނެއެވެ. ދިނީ މުސާރައިގެ އެއް ބައެވެ.

”އަހަރެމެންނަށް ރިސޯޓުން އެންގީ މުސާރައިގެ 50 ޕަސެންޓްގަ މަޑުކުރަން ބޭނުންވާ ބަޔަކު މަޑުކުރާށޭ. ނޫނީ ނޯޕޭގަ ގެއަށް ދާށޭ. މިހާރުވެސް ލިބެނީ 300 ޑޮލަރު. ފަހުން ލިބޭނީ 150 ޑޮލަރު. އެއީ 2311 ރުފިޔާ، ކިހިނެއް މިޒަމާނު 2000 ރުފިޔާއިން ކައިބޮއިގެން އުޅޭނީ؟ ބަލަންޖެހޭ ކުޑަ ކުއްޖަކާއި އަންބަކާއި ބަލި މަންމައަކު އެބަހުރި. ކިހިނެތް ހަދާނީ؟ އޭގެ ބޭރުން ކަރަންޓާއި ފެނާއި އެނޫނަސް ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރަން އެބަޖެހޭ“ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނެފައި ވެއެވެ.

އަހަރަކު އެތައް މިލިއަން ޑޮލަރެއް ވަންނަ އެ ރިސޯޓުން މުވައްޒަފުންނަށް ތިން މަސް ވަންދެން މުސާރަ ނުދެވުމަކީ ބޮޑު ޖޯކެކެވެ. މުވައްޒަފުންނަށް އެހާ ބޮޑު ނިކަމެތިކަމެއް ނުދެވޭނެއެވެ.

ވައިރަހާއި ގުޅިގެން، ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ ރާއްޖޭގެ މައި ދޮރާށި މިވަނީ ބަންދު ކުރެވިފައެވެ. ދުވާލެއްގެ މައްޗަށް ފަސް ހާހަށް ވުރެ ގިނަ ފަތުރުވެރިން އައި ރާއްޖެއަށް ދޮރާށި ބަންދު ކުރި ދުވަހު އައި އެންމެ 36 ފަތުރުވެރިންނެވެ. މި ގޮތަށް ކިހާ ދުވަހެއް ވަންދެން ހިފަހައްޓާލެވިދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ.

ސަރުކާރުން ހައްލެއް ހޯދުމަށްޓަކާ، ތައާރަފް ކުރީ ސްޓިމިއުލަސް ޕެކޭޖެކެވެ. ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް ލޯނުވެސް ދޫކުރަން ފަށައިފިއެވެ. ނަމަވެސް، މީގެއިން މުވައްޒަފުންނަށް ކުރާނެ ފައިދާއާއި މެދު ސުވާލު އުފެދެއެވެ. ލޯނުތައް ދޫކުރާއިރު ޝަރުތަކެއްގެ ގޮތުގައި، މުވައްޒަފުން މަދު ނުކުރުން ޝަރުތުކޮށްފައިވެއެވެ. އަދި ފާއިތުވީ ބޮޑު ކާރިސާއެއް ނުވަތަ ކުންފުންޏަށް ދިމާވި ހާލަތެއްގައި މުވައްޒަފުންނާއި މެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، މޮނީޓާރ ކުރެވޭނެ ހެއްޔެވެ. މުވައްޒަފުން ވަކި ކުރަނީ، އަތައް ޓާމިނޭޝަން ލެޓާއެއް ދީފައެއް ނޫނެވެ. ވަޒީފާއިން ވަކިވަނީ މުވައްޒަފުގެ އިހުތިޔާރުގައި ކަމަށް ދައްކާފައެވެ. ދެން މިކަން ބަލާނީ ކިހިނެއް ހެއްޔެވެ؟

”ސްޓިމިޔުލަސް ޕެކެޖު ރިސޯޓުތަކަށް ދިނުން. ރިސޯޓު ކުންފުނިތަކުގެ އޯނަރުން އަދި ޑިރެކްޓަރުންނަކީ ކުޅަދާނަ ބައެކެވެ. ކުންފުނީގެ އެކައުންޓަކު މާބޮޑުއެއްޗެއް ނުހުންނާނެއެވެ. ކުންފުންޏަށް ލިބޭފައިދާ އޯނަރުންނަށާއި ޑިރެކްޓަރުންނަށް ބަހައި، އެއިން ކޮންމެ މީހެއްގެ ބޭރުގެ އެކައުންޓުތަކުގައި މިހާރު ބިލިޔަނުން ޑޮލަރު ހުންނާނެއެވެ.“ އޮންލައިން ނޫހެއްގެ ކޮމެންޓެއްގައި އާއްމުންގެ މީހަކު ބުނެފައި ވެއެވެ.

ރާއްޖޭގައި މުއްސަނދި މަހުޖަނުން މަދެއް ނޫނެވެ. އެތައް މުއްޒަފުންނެއް އެބަ ގެންގުޅެއެވެ. އެހެން ނަމަވެސް، އާދައިގެ ކަންމަތީ ފިހާރައިގެ ވެރިމީހާއަށް ވީ ވަރު ވެސް މި މީހުންނަކަށް ނުވިއެވެ. މުވައްޒަފު ނަގާ ހޫރާލީއެވެ. މަޝްހޫރު ކުންފުނިތަކުން، މުވައްޒަފުންނާއި މެދު ކުރި ކަންތައް ނޭނގޭނެ ނޫސްވެރިއެއް މަދުވާނެއެވެ. ސަބަބަކީ، ކޮންމެ ނޫސްވެރިއެއްގެ ޓްވީޓާ އިންބޮކްސް ނުވަތަ ފޭސްބުކް މެސެންޖާ ކޮންމެ ދުވަހަކު ފުރިފައި އޮންނަނީ އެ ކަންބޮޑުވުންތަކާއި އެކު ކަމަށްވީތީއެވެ.

މިހުރިހާ ވާހަކައަކުން ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މަތީންނެވެ. ”މަހުޖަނުން“ މި ބަސް ބޭނުން ކުރުމުން އެންމެ ނުރުހުންވާ ބަޔަކީ އެއީ އެވެ. މަހުޖަނުންނަށް ބަސް ރައްދުވާނަމަ އެ މީހުންގެ ނުރުހުން އައިސްދާނެތީއެވެ. މި އެންމެންނަކީ ވެސް ފަތުރުވެރިކަމާއި ގުޅުން ހުރި މީހުންނެވެ. އެތައް ރިސޯޓެއް ހިންގައެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފައި، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

”އަހަރެން އުޅޭ ރިސޯޓުން ފުރަތަމަ ސްޓާފުން ގެންގޮސް ބުނީ ނޯޕޭއަށް ފޮނުވާ ވާހަކަ. ވަޒީފާ އަލުން ލިބޭނެ ކަމުގެ ޔަގީން ކަމެއްދޭން ބުނީމަ ބުނީ ލިޔުމެއް ދޭނެ ވާހަކަ. ނަމަވެސް އެންމެ ފަހު ގެސްޓް މީހާ ފުރުވާލާފަ އަނެއް ދުވަހު ދިނީ ވަޒީފާއިން ވަކި ކުރިކަމުގެ ލިޔުން. ޖޮބް ސެންޓަރުގަ ރިޕޯޓް ކުރެވިއްޖެ. އެކަމަކު ވާގޮތެއް އިނގެނީ އަކީ ނޫން. ގާނޫނުތަށް އަބަދުވެސް ހުންނަނީ ނިކަމެތި މިހާ އިތުރަށް ނިކަމެތި ވާގޮތަށް“ މުވައްޒަފެއް.

އިގްތިސާދީ ބޮޑު ހީނަރު ކަމެއް ކުއްލިއަކަށް އައުމާ އެކު، އިގްތިސާދު ދަމަހައްޓަން އެތަކެއް ގުރުބާނީއެއް ވީ މުވައްޒަފުންތަކެއްގެ ހައްގު މިވަނީ ގެއްލިފައެވެ. އަސްލު ހަްގު ގެއްލުނީއެއް ނޫނެވެ. ހައްގަށް ފައިންއަރާ ޗިސްކޮށްލީއެވެ. ފޭރިގަތީއެވެ. ރިސޯޓު އޯނަރުންގެ އަންބޮޑިއަށް ރިސޯޓް މުވައްޒަފުންގެ ހައްގުތައްލީއެވެ. 

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، އިގްތިސޯދީ މައި ތަނބެވެ. މި ދާއިރާގައި ރާއްޖޭގެ އެތައް ޒުވާނުންނެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. ތަނެއްގެ ކުރިއެރުން ގުޅިފައިވަނީ އެ މުވައްޒަފު ކުރާ މަސައްކަތާއި އެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެން އައި ވެރިންގެ ސަބަބުންނެއް ނޫނެވެ. އެ ރިސޯޓުތަކުގެ މުވައްޒަފުން ހިދުމަތް ދިނުމުގައި ކުރި މަސައްކަތުންނެވެ. ތަން ތަނަކަށް ހެދީ އެ މުވައްޒަފުންނެވެ. ރިސޯޓުތަކުގެ މޫނު މައްޗަކީ ރިސޯޓު އޯނަރުންނެއް ނޫނެވެ. ރިސޯޓުަތަކުގެ މުވައްޒަފުންނެވެ. 

”ތިޔަ ރިސޯޓްތަކުގަ އުޅޭ ބިދޭސީ މީހުންނަށް ވެސް އެވަރު އެނގޭނެ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔައީކަން. ދެން ރިސޯޓް މުވައްޒަފުން ވިސްނާ އަހަރުމެން ކައިރިޔައް އައިސް އެތައް އާދޭހެއްކޮށް އެތައް ވައުދެއް ވެ، އޭގެއިން މިއާދެވެނީ ވެރިކަމަށް، ހަމަ އާދެވޭ އިރަށް ރައްޔިތުންނަށް މި ލިބެނީ ފެނުކައްކާ ބޮލީގެ ޝަރަފު. ފެނުކައްކާ ބޮލި ވެސް ގޭތެރޭގައި އެއްލާލާފަ އޮއްނާނީ ކަންފަތު ފޫޅުގަނޑުގަ ރިއްސާއިރަށް ބޮލި ހޯދާނެ ރިހުން ކެނޑުނިމާ ޖެހުނު ތާކަށް އަނެއްކާ އެއްލާލާނެ“ މުވައްޒަފެއް ޝުއޫރު ފާޅުކުރިއެވެ.

”މަސައްކަތް މުވައްޒަފުންނަށް، ނަފާ ވެރިންނަށް“ އުސޫލު ދެެއްތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: