ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކާ އެއްގޮތަށް، އެލްޖީއޭ ބޯޑުގެ ބައްދަލުވުންތައް އާންމުންނަށް ފެންނަހެން ލައިވްކުރަން އެމްޑީޕީން އެދިއްޖެ

އެލްޖީއޭއާއެކު މަޝްވަރާކުރުމަށްފަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލުތަކާ އެއްގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ބައްދަލުވުންތައް އާންމުންނަށް ފެންނަހެން ލައިވްކުރަން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން މިއަދު އެދިއްޖެއެވެ.

މިއަދު ހެނދުނު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން ވަނީ އެލްޖީއޭއަށް ވަޑައިގެން އެތަނުގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިދިޔަ ދައުރުގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އެ ބައްދަލުވުމަށް ވަޑައިގަތީ މައިގަނޑު ހަތަރު ކަމަކާ މެދު މަޝްވަރާކުރަން ކަމަށެވެ. އެހެންނަމަވެސް، ވަގުތު އޮތް ގޮތުން ހަމައެކަނި މަޝްވަަރާ ކުރެވުނީ އަތޮޅު ކައުންސިލުތައް އުވާލުމާއި ފ. އަތޮޅު ކައުންސިލުގެ ކުރީގެ ބިމެއް އަތުލުމުގެ މައްސަލައާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި، ޖުމްލަ ގޮތެއްގައި ކޮމިޓީން އެދުނީ މައްސަލަތައް ހައްލުވެގެންދާނެކަން ރައްޔިތުންނަށް އެނގޭ ގޮތަށް އެލްޖީއޭގެ ބޯޑުން މަޝްވަރާކުރުމަށް ކަމަށެވެ. އެލްޖީއޭއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ބުނި ނަމަވެސް، ސިޔާސީ ނުފޫޒު އެބަ އޮތްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރު ކައުންސިލުތަކުގެ ބައްދަލުވުންތައް ލައިވްކުރާ ގޮތަށް އެލްޖީއޭގެ ބޯޑުގެ ބައްދަލުވުންތައް ވެސް އާންމުންނަށް ފެންނަހެން ލައިވްކުރުމަށް އެދުމުން އެއީ ރަނގަޅު ހިޔާލެއް ކަމަށް އެލްޖީއޭގެ އިސް ބޭފުޅުން ވިދާޅުވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

”ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ބޭނުންވީ މި ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށް ރައްޔިތުންނަށް އެނގޭ ގޮތަށް އެ ބޭފުޅުން ބޯޑުން މަޝްވަރާކުރުމަށް. އަޅުގަނޑުމެން ދެކޭ ގޮތުގައި ސިޔާސީ ނުފޫޒު އޭގައި އެބަ އޮތް. އެ ބޭފުޅުން ބުނަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތޭ. ވަރަށް އަވަހަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް އާ މެމްބަރުން އިންތިހާބުވެގެންދާނެ އޮގަސްޓް އަށް ވަނަ ދުވަހު. އެއާއެކު އަޅުގަނޑުމެން އެދެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބައްދަލުވުންތައް ރައްޔިތުންނަށް ފެންނަ ގޮތަށް މިހާރު ކައުންސިލުތަކުގެ ބައްދަލުވުންތައް ވެސް އޮންނަ ގޮތަށް ލައިވްކުރުމަށް. އެ ބޭފުޅުން ވިދާޅުވީ ރަނގަޅު ވިސްނުމެކޭ، ރަނގަޅު ހިޔާލެކޭ،“ ނިޔާޒު

މިއަދުގެ ބައްދަލުވުމުގައި އަތޮޅު ކައުންސިލުތައް އުވާލުމުގައި އެލްޖީއޭގެ ވިސްނުމަކީ ކޮބައިތޯ އަދި ފަންނީ ގޮތުން އެއްވެސް ލަފައެއް ސަރުކާރަށް ދީފައިވާނެތޯ ސުވާލުކުރުމުން، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްގެ އަމިއްލަ ވިސްނުމުގައި އަދި ތަޖުރިބާގައި އަތޮޅު ކައުންސިލު އޮތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައިވާ ވަކި ކައުންސިލެއް އުވާލަން އެއްވެސް ލަފައެއް އެލްޖީއޭއިން ދީފައި ނުވާ ކަމަށް އެތަނުގައި ތިއްބެވި ފަންނީ ބޭފުޅުންނާ ހަވާލާދީ ނިޔާޒު ވިދާޅުވިއެވެ. ނިޒާމުގެ ތެރޭގައި ހިމެނޭ ފަށަލަތަކުން އެއްވެސް ފަށަލައެއް އުވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެލްޖީއޭގެ ފަންނީ ބޭފުޅުން ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

”އެނގިގެން މި ދިޔައީ ރައްޔިތުންގެ މަޖިލިސް ތެރޭގައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގެނެސްފައި އޮތް ބަދަލެއްކަމަށް މިއީ، އެހެންވީމާ އެ ބަދަލު އެގޮތަށް އައިމާ އެބޭފުޅުން އެގޮތަށް އަމަލުކުރައްވަނީ ކަމަށް. އެހެންނަމަވެސް، މިއީކީ މުޅި ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލެއްގެ ގޮތުގައި ދެކޭ ދެކުން އެ ބޭފުޅުންނެއް ދެކެވަޑައިނުގަންނަވާ ފަންނީ ގޮތުންނެއް.“ ނިޔާޒު ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯއަކީ ރައީސް އައްޔަންކުރައްވާ މަގާމެއްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، ފަހަރެއްގައި ސަރުކާރުގެ ސިޔާސަތަކަށް ވާތީ ސީއީއޯ އެގޮތަށް ވާހަކަ ދައްކަވަނީ ކަމަށް ވެދާނެ ކަމަށެވެ.

އޭގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމަކީ ހަރަދުކުރުމުގެ ނިޔަތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ. އެލްޖީއޭގެ ބްރާންޗުތައް އަތޮޅު ކައުންސިލުތަކުގައި އުފައްދަން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ހަރަދު ވަކި ކުޑައެއް ނުވާނެ ކަމަށާއި އެލްޖީއޭގެ އިސް ބޭފުޅުންނަށް އެކަމުގައި ހުއްޖަތެއް ދެއްކޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީން މިއަދު އިތުރަށް ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު މިހާރު އެލްޖީއޭ އަދާކުރަމުންދަނީ ކުރިން އޮތް އެޓޯލްސް މިނިސްޓްރީއާ އެއްގޮތް ދައުރެއް ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށާއި އެކަމަށް ގާނޫނީ ގޮތުން ގޮންޖަހާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުނު މައްސަލައާއި ހދ. ހިރިމަރަދޫ ފަޅުކުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ ހަފްތާގައި އެލްޖީއޭއާއެކު މަޝްވަރާކުރާނެ ކަމަށް ކޮމިޓީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: