ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ތެރެއިން 4 ތަނަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ޙާލަތު ވަޒަންކުރުމުގެ މަސައްކަތްކޮށް ވަގުތުން ވަގުތައް ރަނގަޅު ކުރަން ޖެހޭ 34 ކަމެއް ފާހަގަކޮށް ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ފަރާތުން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ހާއްސަ ރިޕޯޓެއް ހުށަހަޅައިފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ފަރާތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮމިޝަނުގެ މަސައްކަތްތައް ރާވައި ކުރިއަށް ގެންދާނެ ގޮތުގެ ވަރކް ޕްލޭންއެއް އެކުލަވައިލައި، ވަރކް ޕްލޭންއާ އެއްގޮތްވާގޮތުގެ މަތިން، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ 7 އިދާރާއަކާ ކޮމިޝަންގެ ފަރާތުން ބައްދަލުކޮށް، އެ އިދާރާތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި، ކުޑަކުދިންގެޙައްޤުތައް ރައްކާތެރިކުރުމުގައި ނިޒާމީ ސިފައެއްގައި އެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން، 10 މާރިޗު 2020 އާއި 11 މާރިޗު 2020 ގައި ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުގައި، އެ ތަނުގެ ޢާންމު ސާފުތާހިރުކަމާއި، ތަނުގެ ސެކިއުރިޓީއާއި، ތަނުގެ ހިންގުމާއި، އަދި ކުދިންނަށް ލިބޭ ޚިދުމަތްތަކާއި ގުޅިގެން މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެ ކަންކަން އިޞްލާޙުކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ، އެ ކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުޑަކުދިންގެ ހިޔާއާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް ރައީސްއަށް ހުށަހަޅާފައިވާކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރިޕޯޓުގައި ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދީންނާ ގުޅޭގޮތުންނާއި ތަނުގެ ހިންގުމާއި، އާންމު ސާފުތާހިރުކަމާއި، ތަނުގެ ސިކިއުރިޓީއާއި، ދައުލަތުގެ ބެލުުމުގެދަށުގައި އެތަނުގައި ިތިބކުދިންގެރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިޞްލާޙުކޮށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަންކަން ހިމޏާފައިވާނެކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

