ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ވާހަކަ އެކިފަހަރު އެކި ގޮތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް ތަފާތުވާން ފަށައިފިއެވެ.

ކޯވިޑް-19ގެ ޙާލަތު އެންމެ ނުރައްކާތެރި ހިސާބަށް ހިނގައްޖެނަމަ ފަރުވާދިނުމަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އަދަދު ހަމަކުރުމަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށް މާޗު މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް 200 ވެންޓިލޭޓަރު ހޯދަން ސަރުކާރުން ނިންމައި، އޭގެ ތެރެއިން މިހާރު ހަވާލުކޮށްފައިވަނީ 151 ވެންޓިލޭޓަރު ހޯދުމަށެވެ.

ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން އާދިއްތަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ހުޅުވާލެވުނު ބިޑްގައި ބައިވެރިވެ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބަޔަކަށް ކަމަށެވެ. އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން އެހެން ބުނިނަމަވެސް ވެންޓިލޭޓަރުތައް ގެންނަން ހުޅުވާލިކަން އެނގޭކަށް ނެތެވެ.

”ހަތަރު ޕޯޓަބަލް ވެންޓިލޭޓަރެއް ގެނައުމަށް ހުޅުވާލެވުނު ޓެންޑަރިން ބިޑެއްގެ ތެރެއިން 16 ފަރާތެއް މިކަމުގައި ބައިވެރިވީ، ހަތަރު ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅީ. އޭގެ ތެރެއިން އެއް ފަރާތަކާ ހަވާލުކުރީ. 135 ވެންޓިލޭޓަރަކާ 10 ޕޯޓަބަލް ވެންޓިލޭޓަރު ގަންނަން ބޭނުންވާ ކަމަށް އެދި ސަރުކާރުން ހުޅުވާލި ހުޅުވާލުމުގައި އެއް ކުންފުނިން 50 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް، އަނެއް ކުންފުނިން 20 އައިސީޔޫ ވެންޓިލޭޓަރު ގެނެވޭނެ ކަމަށް، އެފަރާތްތަކާ އެގްރިމަންޓް ހެދުނީ. ހަމަ ހުޅުވާލެވިގެން. އިތުރު 65 ވެންޓިލޭޓަރަކާ 10 ޓްރާންސްޕޯޓު ވެންޓިލޭޓަރެއް ގެނައުމަށް ވެސް ހަވާލު ކުރެވުނީ އާންމުކޮށް ހުޅުވާލެވިގެން“ މަބްރޫކް ވިދާޅުވި އެވެ.

އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ވެންޓިލޭޓަރު ގެނައުމަށް ”16 ފަރާތަކަށް ގުޅައި“ އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ. އަދި އެއީ ޕޯޓަބްލް ހަ ވެންޓިލޭޓަރު ގެނައުމަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މީގެ ކުރިން ޕޯޓަބްލް ވެންޓިލޭޓަރުތަކެއް ގެންނަން ހަވާލުކުރި ވާހަކަ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ވެންޓިލޭޓަރުތައް ގެނައުމާއި ގުޅޭގޮތުން، އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ”ސަންގު“ އަށް މައުލޫމާތު ދިން ގޮތުގައި، ވެންޓިލޭޓަރުތައް ގެނައުމަށް ކޯޓޭޝަނެއް ހޯދުމަށް ހެލްތު މިނިސްޓްރީގެ އިސް ފަރާތަކުން ބައެއް ކުންފުނި ތަކަށް ގުޅާފައިވެއެވެ. އަދި އެފަރާތްތަކަށް ސަރުކާރުން ގެންނަން ބޭނުންވާ ވެންޓިލޭޓަރުތަކުގެ ”ސްޕެސިފިކޭޝަން“ ނުލިބުމުން އަގުތައް ހޯދިފައިނުވާކަން އެނގިފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ އޮތް މީޑިއާ ބްރީފިންގައި ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ މާލިއްޔަތު ގަވައިދުގައި، ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ކަންކަން ހިނގާ ކަމަށް ދައްކާ ވާހަކަތަކާއި ގުޅިގެން މަބްރޫކް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވިދާޅުވާން ވަރަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އެކަން ޔަގީންކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ކޮރަޕްޝަނާއި ވައްކަމުގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް އޮންނަކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް 56.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެގޮތުން 135 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތްކުރައްވަމުންދާކަމަށާއި 50 ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކާ، އަދި 20 ވެންޓިލޭޓަރު ގެނައުމަށް އިތުރު ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެ ދެ ކުންފުންޏަށް ވެންޓިލޭޓަރު ގެނައުމަށް ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު 65 އައިސީޔޫ ސްޓޭޝަނަރީ ވެންޓިލޭޓަރާއި 10 ޕޯޓެބަލް ވެންޓިލޭޓަރު ގެނައުމަށްވެސް ކުންފުންޏަކާ ހަވާލުކޮށް، އެކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ނުސީދާކޮށް ފާޑު ވިދާޅުވެ، ދާދި ފަހުން ޓެންޑަރ ބޯޑުގެ ޗެއާ މަނަކަށް އައްޔަން ކުރެއްވި އިސްމާޢީލް ޒަރިޔަންދު ވިދާޅުވެފައިވަނީ ކުރިން ވައްކަން ކުރަނީ ރައްޔިތުންގެ މުދަލުން ކަމަށާއި އެކަމަކު މިހާރު ވައްކަން ކުރަނީ، ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށެވެ. އަދި އެކަން ކުރަނީ ކުރިން ވެސް އެ ތުހުމަތު ކުރެވޭ ގްރޫޕަކުން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ގެންނަން ނިންމާފައިވާތީ އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތުން ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން އޭނާ ހުށަހަޅުއްވާފައިވެ އެވެ.

ސަރުކާރުން ގެންނަން މަސައްކަތް ކުރަމުންދާ ވެންޓިލޭޓަރުތަކުގެ މަސައްކަތްކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަނުގެ ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ވަނީ ބުނެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: