ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަށް ފާރަވެރިނުވާ ނަމަ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާއަށް ސަރުކާރުން ފުރިހަމައަށް ތައްޔާރު ނުވެދާނެކަމުގެ ބިރު އުފެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއެކު، އަންގާރަ ދުވަހު ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުން ފާރަވެރިވެ ނުތިބޭނަމަ، ކޮވިޑް-19 ގެ ރޯގާ ފެތުރިދާނެ ކަމަށް ތައްޔާރުވާން ޖެހޭ ވަރަށް އެކަން ނުވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި ޙަވާލާ ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެތުރިދާނެ ކަމަށް ތައްޔާރު ވުމަށްޓަކައި ބޭނުންވާ ސިއްހީ ގިނަ ވަސީލަތްތައް ބޭނުންވާ މިންވަރަށް ގެނެވިފައި ނުވާ ކަމަށާއި ބައެއް ވަސީލަތްތަކަށް މިހާތަނަށް ފައިސާ ވެސް ނުދައްކާ އޮތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ތައްޔާރު ވާން ބޭނުންވާ ވަރަށް ވަސީލަތްތައް މިއަދާ ހަމައަށް ވެސް ގެނެވިފައި ނުވުމާއި ބައެއް ވަސީލަތްތައް ގެނައުމުގައި ފައިސާ ވެސް ދައްކާފައި ނުވާ ކަމަށް ރިޕޯޓް ކުރެވޭތީ ރައްޔިތުންގެ މަޖިލީސް ނުހިނގާ ނަމަ ސަރުކާރުން ރޯގާއަށް ތައްޔާރު ނުވެދާނެހެން ހީވާ ކަމަށެވެ. އެ ފުރުސަތު ދެއްވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެމަނިފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރޯގާ އިން ތައްޔާރު ވުމަށް ޓަކައި ބޭނުންވާ ފުރަތަމަ ވަސީލަތަކީ މަޖިލީހެވެ.
”އަޅުގަނޑު ހަގީގަތުގައި މި ތަނަށް އައިސް ތިޔަ އިއްޒަތްތެރި މެންބަރުން އަރިހުގައި މި އިނީ ހަމަ ހަގީގަތުގައި ވެސް މި ތަން ބަންދު ކޮށްފިއްޔާ އަޅުގަނޑުމެން ކިތަންމެ ލޯބި ވިޔަސް މި ތައްޔާރީ ނުވެދާނެ ކަމަށް އަޅުގަނޑުގެ ހިތަށް ބިރު ގަންނާނާތީވެ، މި މަޖިލީސް މި ހުޅުވަނީ ފާޑު ބުނާން ވެގެން. އަޅުގަނޑު ދެކޭ ގޮތުގައި މި ކަމަށް މިއަދު އަޅުގަނޑުމެން ފާޑު ނުބުނުމަކީ ޒިންމާދާރު ކަމެއް ނޫން، ވާން ޖެހޭ ތައްޔާރީތައް މެންބަރުން ބައްލަވަން ޖެހޭ. ޒިންމާދާރު ކުރުވަން ޖެހޭ، އެއީ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް“ ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ތައްޔާރުވާން 247 އައިސީޔޫ އެނދު ބޭނުންވާއިރު މާލޭ ސަރަހައްދުގައި ހުރީ 235 އެނދެވެ. ޖުމްލަ 740 ހޮސްޕިޓާ އެނދު ބޭނުންވާއިރު، ހުރީ 687 އެނދެވެ. 197 ވެންޓިލޭޓަރު ބޭނުންވާއިރު، ހުރީ 45 ވެންޓިލޭޓަރެވެ. އެމަނިކުފާނު އެވާހަކަ ވިދާޅުވެފައިވަނީ މަޖިލީހާއި ހިއްސާކޮށްފައިވާ ރިޕޯޓަކާއި ޙަވާލާ ދެއްވައެވެ.
ރައީސް ނަޝީދު ވިދާޅުވީ 367 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 ނަރުސް އެޓެންޑެންޓުން އިތުރަށް ބޭނުންވާ ކަމަށެވެ. ލޮކްޑައުންގެ ހާލަތަށް ގެންދަނީ ވެސް ރޯގާއަށް ތައްޔާރު ވާން އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

