ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ސާވޭތަކުން ފެންނަ ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ރާއްޖޭގެ އެކި ސަރައްދުތަކުން ކޮވިޑަށް 2000 އެއްހާ މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއެކު، އަންގާރަ ދުވަހު ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ހަވާލާދެއްވީ އެޗްޕީއޭގެ ސާވޭތަކަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުރި ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖޭން ގާތްގަނޑަކަށް 8،000 މީހުނަށް ބަލި ޖެހޭނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މިހާރު ހުރި ފިޔަވަޅުތަކާއި އެކު ވެސް އެ އަދަދަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރު 210 ދުވަހަށް، އެންމެ ގޯސް ހާލަތެއްގައި ވެސް ދަންމާލެވޭނެ ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަށް 10 ޕަސެންޓް މީހުންގެ ހާލަތު ގޯސްވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
”ރާއްޖޭގައި އަޅާފައި މިހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމާ، ގާތްގަނޑަކަށް 2000 އެއްހާ މީހުންނަށް މި ބަލި ޖެހޭނެ ކަމާއި، އޭ ގެތެރެއިން އެބޭފުޅުން އެ ވިދާޅުވާ ހާއްސަ ހާލަތަށް ނުވަތަ ނުރައްކާތެރި ހާލަތަށް 10-5 ޕަސެންޓު މީހުން ދާނެ ކަމާއި އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަށް ހުރި އެއްޗެއް،“ ރައީސް ނަޝީދު
ސާވޭއެއް ކުރިޔަށް ގެންދާކަމަށް އެޗްޕީއޭއިން ބުނެފައިވީ ނަމަވެސް، އޭގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ރައީސް ނަޝީދު ވަނީ މި ހާލަތުގައި ރާއްޖެއަށް ބޭނުންވާ ވަސީލަތްތައް ވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން އައިސީޔޫ އެނދާއި ވެންޓިލޭޓަރުގެ ވާހަކަތަކެއް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުން ތައްޔާރުވާން 247 އައިސީޔޫ އެނދު ބޭނުންވާއިރު މާލޭ ސަރަހައްދުގައި 235 އެބަހުއްޓެވެ. އަދި ޖުމްލަ 740 ހޮސްޕިޓާ އެނދު ބޭނުންވާއިރު، މިވަގުތު ހުރީ 687 އެނދެވެ. އޭގެ އިތުރުން 47 ވެންޓިލޭޓަރެއް ހުރިއިރު، 197 ވެންޓިލޭޓަރު ބޭނުންވެއެވެ.
މީގެ އިތުރުން 367 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 ނަރުސް އެޓެންޑެންޓުން ވެސް އިތުރަށް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ލޮކްޑައުންގެ ހާލަތަށް ގެންދަނީ ވެސް ރޯގާއަށް ތައްޔާރު ވާން އިތުރަށް ބޭނުންވާ ވަސީލަތްތައް ހޯދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ތައްޔާރު ވާން ބޭނުންވާ ވަރަށް ވަސީލަތްތައް މިއަދާ ހަމައަށް ވެސް ގެނެވިފައި ނުވުމާއި ބައެއް ވަސީލަތްތައް ގެނައުމުގައި ފައިސާ ވެސް ދައްކާފައި ނުވާ ކަމަށް ރިޕޯޓް ކުރެވޭތީ ރައްޔިތުންގެ މަޖިލީސް ނުހިނގާ ނަމަ ސަރުކާރުން ރޯގާއަށް ތައްޔާރު ނުވެދާނެހެން ހީވާ ކަމަށެވެ. އެ ފުރުސަތު ދެއްވަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެމަނިފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރޯގާ އިން ތައްޔާރު ވުމަށް ޓަކައި ބޭނުންވާ ފުރަތަމަ ވަސީލަތަކީ މަޖިލީހެވެ.

