ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ނުރައްކަލެއް، އަވަސް ހައްލެއް ބޭނުންވޭ!

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ޓްރެފިކްކުރުމަކީ އިންސާނީ ކަރާމާތަށް އަރައިގަނެވޭ، ދުނިޔޭގެ ފެންވަރުގައި ހިންގޭ އެންމެ ބޮޑު އެއް ޖަރީމާއެވެ. ދިވެހިރާއްޖޭގައިވެސް މި މައްސަލައަކީ މިއަދު އިންތިހާއަށް ބޮޑުވެފައިވާ، އަދި ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވެފައިވާ ނުރައްކަލެކެވެ. ޒަމާނީ ޓެކްނޯލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މި ކުށް ހިންގާ ގޮތްތައް ދަނީ ދުވަހުން ދުވަހަށް ބަދަލުވެ، އާ އުކުޅުތައް ތައާރަފުވަމުންނެވެ.

ދެބަސްވެވެން ނެތް ހަގީގަތަކީ ކޮންމެ އިންސާނަކީވެސް މިނިވަންކަމާއި އިއްޒަތާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެއް ކަމެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ، އެއީ ދިވެއްސަކަށް ވިޔަސް ނުވަތަ ބިދޭސީއަކަށް ވިޔަސް، އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މުހިންމު ޒިންމާއެކެވެ. މީހުން ޓްރެފިކްކުރުމުގެ ސަބަބުން މި ހައްގުތައް ގެއްލި، އިންސާނުން އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދެއެވެ. އެހެންކަމުން، މި ނުރައްކަލުން ރައްޔިތުންނާއި މަސައްކަތްތެރިން ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒަށް ވާންޖެހެއެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުން ހަރުދަނާކުރުމަކީ މި މައްސަލަ ހައްލުކުރުމުގެ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، މަސައްކަތްތެރިކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަކީ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން މައުލޫމާތު ބަދަލުކުރުމާއި، އޮޕަރޭޝަންތައް ހިންގުމުގައި ހުރި ހުރަސްތައް ނެތިގޮސް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ކުށުގެ ނިޒާމީ މައްސަލަތައް ހައްލުކުރުމަށް ޓަކައި ’މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028‘ އެކުލަވާލުމަކީ އުއްމީދީ ފެށުމެކެވެ. މި ޕްލޭންގެ ދަށުން، ކުރިއަށް އޮތް އަހަރުތަކުގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާނެ މަސައްކަތްތަކާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ސާފުކޮށް ކަނޑައެޅިގެންދާނެއެވެ. މިއީ ހަމައެކަނި ލިޔުމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އަމަލީ ގޮތުން ތަންފީޒުކުރެވޭ ހަރުދަނާ ނިޒާމަކަށް ވާންޖެހެއެވެ.

މީގެ އިތުރުން ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ޓްރެފިކިންގ ހުއްޓުވުމަށް އެންމެ ފައިދާހުރި ގޮތެވެ. ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ހޭލުންތެރިކުރުމަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މަސައްކަތްތެރިންނަށް އެމީހުންގެ ހައްގުތައް އޮޅުންފިލުވައިދިނުމާއި، ވަޒީފާދޭ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން އަމަލުކުރަންޖެހޭ ގޮތްތައް ބުނެދިނުމަކީ ކުށް މަދުކުރުމަށް އެޅޭ ބާރެކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު އިންސާނީ ވަގުފާރިކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ އެކި ބާވަތުގެ ސްކޭމްތަކާއި އޮޅުވާލުންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތްތައް އިތުރުވަމުންދާކަން އެއީ މިއަދުގެ ހަގީގަތެވެ. މިއީ ހަމައެކަނި ބިދޭސީންނަށް އޮތް ނުރައްކަލެއް ނޫނެވެ. މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އިންސާނީ ވަގުފާރި ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މިގޮތުން ސަރުކާރުން މިހާރު ކުރިއަށްގެންދާ ’އޮޕަރޭޝަން ކުރަނގި‘ އަކީ މި ދާއިރާއިން އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ގައުމުގައި އުޅޭ ކޮންމެ މީހަކީ ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ’މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރ‘ އާއި ’މައިގްރެންޓް ކަނެކްޓް ޕޯޓަލް‘ ފަދަ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފައެވެ. މި ވަސީލަތްތަކުގެ ސަބަބުން މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތައް ރިޕޯޓްކުރުމަށާއި، އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ފަސޭހަވެގެންދާނެއެވެ.

އަޅުގަނޑުގެ ޙިޔާލުގައި އިންސާނީ ވަގުފާރިއަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން އެކަނި ހުއްޓުވޭނެ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢު އެކުގައި ތެދުވެ، ހޭލުންތެރިކަން އިތުރުކޮށްގެން ހައްލުކުރަންޖެހޭ މައްސަލައެކެވެ. ކޮންމެ ފަރުދަކުވެސް މިކަމަށް ސަމާލުވެ، ޝައްކުކުރެވޭ ކަންކަން ރިޕޯޓްކުރުމަކީ ގައުމީ ވާޖިބެކެވެ. އަވަސް ހައްލެއް ހޯދުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ އިންސާނީ ކަރާމާތް ރައްކާތެރިކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: