ކައިވެނިކޮށްގެން އުޅުނުއިރު ކުރީގެ އަނބިމީހާގެ ނަންމަތީގައި ރަޖިސްޓްރީކުރި މަސްދޯންޏެއްގެ މިލްކުވެރިކަން ހޯދަން މީހަކު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައަކީ މާލެއަށް ނިސްބަތްވާ ދެ މީހަކު ކައިވެނިކޮށްގެން އުޅުނު އިރު ދައުވާކުރި ފަރާތުން އޭނާގެ އަމިއްލަ ހަރަދުގައި ބަނދެ، އޭރުގެ އަންހެނުންގެ ނަމުގައި ރަޖިސްޓްރީކުރި ދޯންޏެއްގެ ހަމަހަމަ މިލްކުވެރިކަން ހޯދުމަށް، އެ އުޅަނދުގެ ރަޖިސްޓްރީއަށް ބަދަލުގެނައުމަށް ދައުވާކުރި މައްސަލެއެކެވެ.
އެ ދޯނީގެ ރަޖިސްޓްރީ ބަދަލުކުރަން ކުރީގެ އަނބިމީހާ ދެކޮޅުހަދާ ނަމަ، ދޯނި ބަނދެ، ދޯނި ހިންގުމަށް ކުރި ހަރަދު ކަމަށްވާ 8 މިލިއަން ރުފިޔާ އަނބުރާ ދޭންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި މައްސަލައިގެ ހަސްމުންނަށް ސިވިލް ކޯޓުން އެ ތާވަލު ހިއްސާކޮށްފައިވެއެވެ. އެގޮތުން މައްސަލައިގެ މައިގަނޑު ބަހުސްތައް ނުވަތަ ހިލާފުވާ ކަންކަމުގެ މައިގަނޑު ބަޔާން ހުށަހެޅުމަށް ދައުވާކުރި ފަރާތަށް މި އަހަރުގެ ޖޫން 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މުހުލަތެއް ދިން ނަމަވެސް، އެ ފުރުސަތުގައި ދައުވާކުރި ފަރާތުން އެގޮތަށް އަމަލުކޮށްފައި ނުވެއެވެ.
އެއްވެސް ސަބަބެއް އެންގުމެއް ނެތި ތާވަލާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު ނިންމެވީ ދައުވާ ބާތިލުކުރުމަށެވެ.
މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ކަނޑައަޅައި މައްސަލައިގެ ހަސްމުންނާ ހިއްސާކުރި އިރުޝާދުގައި، އެ އިރުޝާދާ އެއްގޮތަށް އަމަލުނުކޮށްފިނަމަ ދައުވާ ފޯމު ބާތިލުކޮށް މައްސަލަ ނިންމުމުގެ ބާރު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަން ގާޒީގެ ނިންމެވުމުގައި ފާހަގަކުރެއްވިއެވެ. އަދި ކޯޓުން ނިންމާ ނިންމުންތަކާ ހިލާފުވާނަމަ މައްސަލަ ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ގަޒިއްޔާތަކާ ހަވާލާދެއްވާފައިވެއެވެ.

