މި ސަރުކާރުގެ ހުރިހާ ބާރަކާއެކުވެސް ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެތަކެއް ވަޒީފާއެއް ބަހާ ފައިސާ ބަހާ އިރުވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވާތީ ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، މި ސަރުކާރަށް ދެއަހަރާއި ބައި ވެގެން ދިޔައިރު ހާހަކަށްވުރެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާނެކަމަށް ރައީސް ވިދާޅުވުމުން އެކަން އެއްވެސް ރައްޔިތަކު މިއަދު ޤަބޫލުނުކުރާނެކަމަށެވެ.
އެގޮތުން މި ސަރުކާރުން ކޮންމެ އިންތިޚާބަކާ ދިމާކޮށް މާލެއިންނާއި އަތޮޅު ތެރެއިން ރައްޔިތުންނަށް ފައިސާ ބަހާ ވަޒީފާ ދިނަސް ރައްޔިތުން ވޯޓު ނުދެނީ ރައީސް އިތުރުފުޅު ހައްދަވާތީކަން ވަރަށް ސާފުކޮށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުއިއްޒު އެއްހާސް މަޝްރޫއު ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިނަމަވެސް މި ސަރުކާރުން އަދި އެއްވެސް މަޝްރޫއުއެއް ފަށާފައިނުވާކަމަށާއި ކުރީ ސަރުކާރުތަކުން ފެށި މަޝްރޫއެއްވެސް ނިންމާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް މިނިވަން ދުވަހު ދެއްކެވި ވާހަކަފުޅުގައި އެ ވާހަކަ ދެއްކެވުމުން އެއީ އެއްވެސް ރައްޔިތަކު ޤާބޫލުކުރާނެ ކަމެއް ނޫންކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
”އެކަން އެގޮތަށް ނުދާތީ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އެއީ ސީދާ އިތުރުފުޅެއްކަން ނުވަތަ ދޮގެއްކަން، ކާކުތޯ ޤަބޫލުކުރާނީ މި ސަރުކާރުން އެއްހާސް އެތަކެއް ޕްރޮޖެކްޓެއް ހިންގައިފިއޭ ވިދާޅުވީމަ؟“ އިމްތިޔާޒު
އިމްތިޔާޒު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ހައްދަވަނީ އިތުރުފުޅެއްކަމަށާއި ޕްރޮޖެކްޓްތައް ނުހިންގި ހުރީ ހުއްޓިފައިކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް މި ސަރުކާރުން ކުރިއަށް ނުގެންގޮސް ހުރީ ހުއްޓުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އަތޮޅުތެރޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެމްޑީޕީން އަދި ރައީސް ޔާމީންގެ ސަރުކާރުން އަތޮޅުތެރޭގައި ފަށާފައިވާ ޕްރޮޖެކްޓްތައްވެސް މި ސަރުކާރުން ކުރިއަށް ނުގެންދާކަން ކަމުގައި އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން އެ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު އެކަށީގެންވާ ހުރިހާ މަސައްކަތެއް ނުކުރެވުނު ކަމުގައި ވިޔަސް ގިނަ ޕްރޮޖެކްޓުތަކެއް ހިންގިކަމަށެވެ.
އެގޮތުން ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ސަރުކާރުން ފެށިގެން އޭގެ ފަހުން އައި ހުރިހާ ސަރުކާރުތަކަކުންވެސް ރައްޔިތުންނާއި ހަމައަށް އެ ސަރުކާރުތަކުން ހިންގި މަޝްރޫއުތައް ގެނެސްދިން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާ ޚިލާފަށް މި ސަރުކާރުން ކުރި އެއްވެސް މަސައްކަތަކުން ނުވަތަ ހިންގި އެއްވެސް މަޝްރޫއުއަކުން ރައްޔިތަކަށް ވީ ފައިދާއެއް ނުވަތަ މަންފާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަމެއް އައިކަމުގެ އިހުސާސެއް ކުރެވިގެން އެކަން އެއްވެސް ނޫހަކުންވެސް ފާހަގަކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގި ޕްރޮޖެކްޓެއް ނުވަތަ މަޝްރޫއަކުން ރައްޔިތަކަށް ވީ ފައިދާއެއް ދެއްކޭނެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން އެއް މިލިއަން ޕްރޮޖެކްޓް ހިންގިކަމަށް އަނގަބަހުން ބުނާއިރު އޭގެ އެއްވެސް ހެއްކެއް ސަރުކާރަށް ނުދެއްކޭކަމަށް އޭނާ ވިދާޅުވިއެވެ. އިމްތިޔާޒު ވިދާޅުވީ ސަރުކާރުން އެ މަގުން ކަންކޮށް ރައީސް ޑރ. މުއިއްޒު އިތުރުފުޅު ހައްދަވާތީ މިއަދު އެއްވެސް ރައްޔިތަކު އެމަނިކުފާނު ދައްކަވާ ވާހަކައެއް ޤަބޫލުނުކުރާކަމަށާއި ސަރުކާރުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި މިހާރު ނެތްކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާއި ގާތަށްވެސް މި ސަރުކާރު ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.

