މަގުތައް މަރާމާތުކުރުމަށްޓަކައި ތާރު ކައްކައިގެން އެޅޭނެ ފަދަ މެޝިނަރީޒާއި ފަންނީ ގާބިލުކަން ކައުންސިލުން ތަރައްގީ ނުކުރުމަކީ ޒިންމާ އަދާނުކުރުން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ދުއްވާ ހުރިހާ އުޅަނދަކުން ދައުލަތަށް ނަގާ އަހަރީ ފީގެ ބޮޑު ބައެއް ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ. ނަމަވެސް އެ މިންވަރުގެ ބޮޑު އާމްދަނީއެއް ލިބޭއިރު، ކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ އެންމެ އަސާސީ އެއް ޒިންމާކަމަށްވާ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ނުކުރެވޭކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ތާރުއަޅައިގެން ހަދާފައިވާ އަމީނީ މަގާއި ބޭރު މަގު ފަދަ މަގުތައް، އެކި ބޭނުންތަކަށް ކަނޑަން ކައުންސިލުން ހުއްދަ ދިނުމަށްފަހު، އެ ތަންތަން އަލުން ކުރިން އޮތް ފެންވަރަށް އިޔާދަނުކުރެވޭ މައްސަލައިގައި މުއްތަލިބު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި، މަގު ކަނޑާލުމަށްފަހު އެ ތަންތަނުގައި ގާ އެޅުމާއި ނުވަތަ ކޮންކްރީޓް އަޅައިގެން ހަލާކުވެފައި ހުންނަ ގޮތަށް ދޫކޮށްލުމުން އެކަން އެންމެ ފަހުން ހައްލު ކުރަން ޖެހެނީ ސަރުކާރެވެ.
އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން ސަރުކާރުން ތާރުއަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަދީ، ކަނޑައިލާފައި އެތައް ހަލާކުކޮށްލާފައި ދާއިރުގައި އެތަން ރަނގަޅުކުރުމުގެ ކެޕޭސިޓީއެއް ވެސް (ކައުންސިލްގައި) ނެތް. އަޅުގަނޑުމެން ވާނީ އުސޫލެއް، ސްޓޭންޑަޑެއް ހަދާފައި ފޮނުވާފައި، މަގެއް ކަނޑައިފިނަމަ ކަނޑަންވާނެ ގޮތާއި މަރާމާތު ކުރަންވާނެ ގޮތް ބަޔާންކޮށް. އެކަމަކު އެ ފެންވަރަށް މަސައްކަތް ނުކުރެވޭ
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަހަރަކު 150 މިލިއަން ރުފިޔާ ލިބޭއިރު، މަގުތައް މަރާމާތުކުރުމަށްޓަކައި ތާރު ކައްކައިގެން އެޅޭނެ ފަދަ މެޝިނަރީޒާއި ފަންނީ ގާބިލުކަން ކައުންސިލުން ތަރައްގީ ނުކުރުމަކީ ޒިންމާ އަދާނުކުރުން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. އަދި މި ފައިސާ ހަރަދު ވަނީ ކޮން ކަންތައްތަކަކަށްތޯ ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.
މަގުތަކުގެ ހާލަތު ގޯސްވުމުން އާންމު ރައްޔިތުންގެ ޝަކުވާ އަމާޒުވަނީ ސަރުކާރަށްކަމަށާއި، އެންމެ ފަހުން އެ ތަންތަން މަރާމާތު ކުރަން ޖެހެނީވެސް މިނިސްޓްރީގެ ބަޖެޓުން ޕްރޮޖެކްޓްތައް ހަދައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިހާރުވެސް އަމީނީ މަގާއި ބޭރު މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްގެން މަސައްކަތް ކުރަމުންދާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ކައުންސިލަށް މިހާރު ލިބޭ ފައިސާ ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތަށް ބަދަލުކުރަން ޖެހޭކަމަށް ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ސިޓީ ކައުންސިލަށް 150 މިލިއަން ރުފިޔާ ލިބެންޖެހޭނެ ކަމަކަށް ގަބޫލު ނުކުރާކަމަށެވެ. އެހެންކަމުން އެބައި އުނިކޮށް ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތަށް ބަދަލު ގެނެސްދޭން ޖެހޭކަމަށް މުއްތަލިބު ވިދާޅުވި އެވެ.

