ގދ. މަގުއްދުވާގެ ހެޑް ލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ބުނެފިއެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި މި 3 ރަށަކީ، ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެމްޓީޑީސީއިން ކުއްޔަށް ހިފާފައިވާ 3 ރަށް ކަމަށެވެ. އަދި މި 3 ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްގުތަކުގެ މިލްކުވެރި ފަރާތަކީ، އެމްޓީޑީސީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީޑީސީގެ އެއްވެސް ހަރުމުދަލެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާއި ގުޅުންހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް އެހެން ފަރާތަކަށް ދޫކޮށްލުމަށް ނުވަތަ މިނޫންވެސް މިފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް އެ ކުންފުނިން ނިންމާފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އަދި ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއާއި ގުޅުންހުރި އެއްވެސް ހައްގެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ ނުވަތަ އެފަދަ ހައްގަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއިއެކު ކުރިއަށް ނުދާކަމުގެ ޔަގީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.
އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް، މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ވިދާޅުވީ، ކުރިމަގުގައިވެސް ކަމާގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތަކާއި ކަންކަން އެ ކުންފުނިން ރަސްމީކޮށް އަންގައި ހާމަކުރަމުންދާ ކަމަށެވެ.

