ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރަމުންދާ ތުހުމަތުތަކަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު މި ރައްދު ދެއްވާފައިވަނީ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު މުޒާހަރާ ކުރުމަށް އެމްޑީޕީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ތަކެތީގެ އަގުތައް ހުރީ ނިސްބަތުން ހެޔޮކޮށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޕެޓްރޯލާއި ޑީސަލްގެ އަގުތައް ސިންގަޕޫރާއި އިންޑިއާ ފަދަ ގައުމުތަކަށްވުރެ ރާއްޖޭގައި ހެޔޮކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން އާންމުކުރި ބައެއް ތަކެތީގެ އަގުތަކަކީ ހަގީގަތާ ހިލާފު އަގުތަކެއް ކަމަށް ސިފަކުރައްވަމުން މިނިސްޓަރު ވަނީ ކުޑަކުދިންގެ ކިރުދަޅުގެ އަގުގެ މިސާލު ދައްކަވާފައެވެ. ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން މަސައްކަތް ކުރަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށެވެ.
މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއިން ޑޮލަރު ހުސްވެ، އަސާސީ ތަކެތީގެ އަގު އުފުލެމުންދަނީ ސަރުކާރަށް ޑޮލަރު ހޯދުމުގައި ނުކުޅެދިފައިވާތީ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އިގްތިސާދީ ހާލަތު ބަދަލުވަމުންދަނީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކަމަށެވެ.

