ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވައިދު ބަދަލުކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ (އީސީ) ބައްދަލުކޮށްފިއެވެ.
ނަމަވެސް މި ބައްދަލުވުމަކީ ކުރިންވެސް ތާވަލުކުރެވިފައިވާ، ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، މިއީ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ޕާޓީތަކާއި ގުޅުން ބަދަހިކުރުމަށް ބާއްވަމުންދާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.
މިގޮތުން މިހާތަނަށް އެމްއެންޕީ، އެމްޑީޕީ، އެމްޑީއޭ، އަދި ޖުމްހޫރީ ޕާޓީއާއެކު ވެސް ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި ޕީއެންސީއާއެކު ބޭއްވި ބައްދަލުވުމުގައި، ޕާޓީ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ޕާޓީގެ ގަވައިދުގައިވާ ކަންކަން ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށާއި، ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް އީސީން ބުނެފައިވެއެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިހާބުގައި ނައިބު ރައީސުން ހޮވުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް ނިންމި މައްސަލާގައި ބަހުސްތަކެއް އުފެދިފައިވާ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ޕީއެންސީން ވަނީ އެ ނިންމުން ދިފާއުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

