ރޭ ކަނޑުމަތީގައި ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯންޏެއްގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ފ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:22 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ކޯސްޓްގާޑް ސެންޓްރަލް އޭރިއާ ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 22:37 ހާއިރުއެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ”ފްރެންޑް 4“ ނަމަކަށް ކިޔާ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައެވެ.
ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން، ދޯނީގެ ކެޕްޓަން ގެއްލިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ގެއްލުނު މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާއިރު، ހުއްޓުމެއް ނެތި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެ ސަޕްލައި ދޯނި ދަތުރުކުރަމުން ދިޔައީ ހިލައާއި ހިލަވެލި ބަރުކޮށްގެންނެވެ. އެ އުޅަނދު ދިޔަވާން ފެށީ އެ އުޅަނދަށް ރާޅު އަރައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުމައްޗަށް ތިން މީހަކު ގެއްލިގެން ހޯދަމުންދާއިރު، މިދިޔަ ހަފްތާގައި ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ވެސް ސިފައިން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިހާތަނަށް އެ ދެ މީހުން ވެސް ފެނިފައި ނުވެއެވެ.
ރައްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކަނޑު ގަދަވެފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

