ޕީއެންސީގެ ނައިބު ރައީސުންގެ ރޭހުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަދި ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނިމާލް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިމާލް ވިދާޅުވީ، އަންނަ ސެޕްޓެންބަރު 2026 ގައި އޮންނަ ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ ނައިބު ރައީސްކަމުގެ އިންތިޚާބުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ޕާޓީގެ މެމްބަރުންނާއި ކޮންގްރެހުގައި ވޯޓުލާން ވަޑައިގަންނަވާ މަންދޫބުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ނިމާލް ވިދާޅުވީ، ނިމިގެން މިދާ ދައުރުގެ ބޮޑުބައި އިދިކޮޅުގައި ޕާޓީއެއްގެ ގޮތުގައި އޮވެ، ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން، އޭރުގެ ސަރުކާރުން ކުރިމަތިކުރުވި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާއެކު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނާއުންމީދުވި އެތައް ފަހަރަކު ޕާޓީގެ މެންބަރުންގެ ފަރާތުންނާއި ގިނަ ރައްޔިތުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކަކީ އެކަމުގައި ދެމިހުރުމުގައި ލިބުނު އެންމެ ބޮޑު އަސާސްކަމުގައި ދެކޭ ކަމަށެވެ. އަދި ޕާޓީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އެންމެންގެ އަޑުއަހައިގެން ޓީމު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަމީ، ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމުގައިވީ ނަމަވެސް، މިއަދު ޕާޓީގެ ދެވަނަ ކޮންގްރެހަށް ކުރިމަތިލާއިރު ޕާޓީ ވެރިކަމުގައި އޮތުމަކީ ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވަރުބަލިވުމެއްނެތި ޕާޓީގެ މެންބަރުންނާއެކު އެ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ، އެންމެ މުހިންމު އަމާޒަކީ، ދިވެހިރާއްޖެއަށް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގެނައުމަށާއި، ދިވެހިރާއްޖޭގެ ތަރައްގީއަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށާއި، ދިވެހިރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނެންގެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޕާޓީގެ ފަރާތުންނާއި ފަރުދީ ގޮތުން ދެވެން އޮތް އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.
”ސިޔާސީ ބޭނުމަކަށް ވެސް އަދި އެހެން ކަމަކަށް ވެސް އަޅުގަނޑު ދޮގެއް ނުހަދާނަމެވެ. އަޅުގަނޑު ދެމިހުންނާނީ އެ ދުވަހު ވެސް ހުރި ގޮތުގެ މަތީގައެވެ. އިރާދަކުރެއްވިއްޔާ މާދަމާ ވެސް ސާބިތުވެ ދެމިހުންނާނީ އެގޮތުގެ މަތީގައިކަން ކަށަވަރުކޮށްދެމެވެ.“ ނިމާލް
އެކަންކަން ހާސިލުކޮށް ކުރުމަށް ޓަކައި، 2028ގެ ރިޔާސީ އިންތިޚާބު، ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގައި ޕާޓީގެ މެންބަރުންނާއެކު މަސައްކަތްކުރުމަކީ، އެންމެ ބޮޑު އަމާޒު އަދި ލަނޑުދަނޑިކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޕާޓީއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގެ ވަގުތުގައި ވެސް އަދި ކާމިޔާބީގެ ވަގުތުގައި ވެސް ދެގޮތެއް ނުވެ ސާބިތުވެ ހުންނާނެ އެކަކީ އޭނާ ކަމަށް ޕާޓީގެ މެންބަރުން ގަބޫލުކުރައްވާ ގަބޫލުކުރެއްވުމަކީ، ލިބޭ މަތިވެރި އުފަލަކާ އަދި ދިރުން ގެނެސްދޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ނިމާލް ސިފަކުރެއްވިއެވެ.
ނިމާލްގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)އާއި، ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާއި، އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދުއާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވެސް ވަނީ ޕީއެންސީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާފައިވާކަން އިއުލާނުކުރައްވާފައެވެ.
މަޖިލިސް ނުވަތަ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖައްސައި، އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މީގެކުރިން އެޕާޓީން ވަނީ ބުނެފައެވެ.

