ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހިންގުމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ސުވާލުތަކެއް ހުށަހަޅުއްވައިފައެވެ.
މިނިސްޓަރު އިހުސާނަށް ފޮނުއްވި ސިޓީއެއްގައި މެމްބަރު ކުޑޫ ވިދާޅުވީ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާއި އެތަނުގެ ހިންގުން ހުރި ގޮތާއި އެތަނުގައި ހުރި ނިޒާމީ މައްސަލަތަކެއްގެ ސަބަބުން އެތަނުން ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި އިންސާނީ ކަރާމާތުގެ އިތުރުން، އަލުން މުޖުތަމައުއަށް ނުކުންނަން ކުރާ މަސައްކަތާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
އެކަންކަން އެ ސެންޓަރުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތަކުން ވެސް ފާޅުކުރާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެކަމާ ގުޅޭ 10 ސުވާލެއް އެ ސިޓީގައި މެމްބަރު ކުޑޫ މިނިސްޓަރު އިހުސާނަށް ހުށަހެޅުއްވިއެވެ.
އެގޮތުން ސެންޓަރުގެ އިމާރާތް ބޭނުންކުރަން ދަތިވާ ވަރަށް ބޯވެފައިވާ ކަމަށާއި ބަލި މީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ އެ ސިޓީގައި މެމްބަރު ކުޑޫ އެއްސެވިއެވެ.
ސެންޓަރުގައި މިހާރު ކުރިއަށްދާ ފަރުވާގެ ޕްރޮގްރާމްތައް ކުރިއަށްދާ ގޮތާއި އެކަށީގެންވާ މިންވަރަށް ކައުންސިލުންނާއި މުވައްޒަފުން އެބަތިބިތޯ އާއި ފަރުވާ ހޯދާ ފަރާތްތަކަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި ފާހާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ކޮބާތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ. އަދި ސެެންޓަރުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ޓަކައި އެއްވެސް މަރާމާތެއް ނުވަތަ ތަރައްގީގެ މަޝްރޫއެއް ކުރިއަށް ދޭތޯ ނުވަތަ ރޭވިފައިވޭތޯ ވެސް އެއްސެވިއެވެ.
އޭގެ އިތުރުން އެ މަރުކަޒުގައި ދެވޭ ތެރަޕިއުޓިކް ކޮމިއުނިޓީ ފަރުވާއަކީ މިއަދުގެ ޒަމާނީ ތެރަޕިއުޓިކް ކޮމިއުނިޓީތައް ފަދައިން ރޭވިފައިވާ އިޖުތިމާއީ އުނގެނުމާއި، ނަފްސާނީ އަނިޔާތަކަށް ރިއާއަތްކުރާ ފަރުވާތަކާއި ސިއްހީ ފަރުވާ އެކުލެވުމުގެ އިތުރުން، ޔޫއެންއޯޑީސީ އަދި ޑަބްލިއެޗްއޯ ފަަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކުގެ އެއްހަމައެއްގައި ހިފަހައްޓަމުން ގެންދެވޭ ފަރުވާއެއްތޯ ވެސް ސުވާލުކުރެއްވިއެވެ.
ފަރުވާދޭ މަރުކަޒެއްގައި ބަލިމީހުންގެ ސަލާމަތްތެރިކަމާއި ފަރުވާގެ ކާމިޔާބު ނަތީޖާ ކަށަވަރުކުރުމަށް ޓަކައި އިލްމީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ހިންގުމުގެ އުސޫލުތަކާއި، ހިދުމަތްތެރިންގެ ސުލޫކީ މިންގަނޑުތަކާއި ރޭވުންތެރިކަމާއެކު އެކުލަވާލާފައިވާ ނަފްސާނީ ފަރުވާގެ މަންހަޖުތަކަށް ލިޔުމުން ހުންނަންޖެހޭއިރު އެފަދަ ތަކެތި ލިޔުމުން ފެންނަން އެބަހުރިތޯ ވެސް ސުވާލުކުރެއްވިއެވެ.
މެމްބަރު ކުޑޫ އިތުރަށް އެއްސެވީ، ސެންޓަރުގައި ފޯރުކޮށްދެމުންދާ ފަރުވާ ބިނާވެފައިވަނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށްތޯ އަދި އެ ހަމަތަކާއި އުސޫލުތައް ލިޔުމުން ފެންނަން އެބަހުރިތޯ އަދި މަސްތުވުމުގެ ބަލި ފަދަ ނަފްސާނީ ބަލިތަކަށް އެހީތެރިވުމަށް މަސައްކަތްކުރާ ހިދުމަތްތެރިންގެ ދުޅަހެޔޮކަމާއި ބާންއައުޓް ފަދަ ކަންކަން ހައްލުކުރުމުގެ އުސޫލުތަކާއި މެކޭނިޒަމްތައް އެބަހުރިތޯއެވެ.
ފަރުވާދޭ ހިދުމަތްތެރިންގެ ގާބިލުކަން ބެލޭނެ ނިޒާމުތަކާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ދިނުމުގެ ނިޒާމެއް އޮތުމަކީ ފަރުވާ ލިބިގަންނަ ބަޔަކަށް ލިބެނީ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ފަރުވާއެއްކަން ބަޔާންކޮށްދިނުމަށް މުހިންމު ކަމަކަށް ވާއިރު އެފަދަ ކަންކަން ލިޔުމުން ފެންނަން އެބަހުރިތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ.
އެ ސިޓީގައި ކުޑޫ ފާހަގަކުރައްވާފައިވަނީ މަސްތުވާތަކެތީގެ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ބަލާއިރު ފަރުވާ ބޭނުންވެގެން އަންނަ ކޮންމެ މީހަކަށް ރައްކާތެރި އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ އަދި ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ލިބުމަކީ ހައްގެއް ކަމެވެ. އަދި އެ އަސާސީ މިނގަނޑުތަކުން މީހާ މަރުހުރޫމުކުރުމުގެ ސަބަބުން ފަރުވާގެ ނަތީޖާ ގެއްލި އަލުން އެ ވަބާގެ ތެރެއަށް މީހާ ދިޔުމަށް މަގުފަހިވާ ކަމަށް ވިދާޅުވެފައިވެއެވެ.

