ކުޅުދުއްުފުށީގެ ތިން ސަރުކާރު ސްކޫލަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން 100،000 ރުފިޔާގެ ގްރާންޓު ދޭން ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2026 ވަނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ ”ސްކޫލް ގްރާންޓް“ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އެ ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާގެ ގްރާންޓެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވެއެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.
އެގޮތުން ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭއިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގްރާންޓުގެ ބޭނުމެއް ކަމަށް ކައުންސިލުން ބުނެފައިވެެއެވެ.
މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ދޫކޮށްފައިވެއެވެ.
ކުޅުދުއްފުށީގައި ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި، އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލާއި އަމީރު އަމީން ޕްރީސްކޫލުގެ އިތުރުން ގައުމީ ޔުނިވާސިޓީ، ވިލާ ކޮލެޖު އަދި އެމްއައި ކޮލެޖުގެ ކެމްޕަސްތަކެއް ވެސް ހިންގައެވެ.

