ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ. އަތޮޅުގެ ކައުންސިލުތައް ގުޅިގެން ކުރަން އުޅުނު މަސައްކަތް އެލްޖީއޭއިން ހުއްޓުވައިފި!

ކައުންސިލްތަކާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި މޭޔަރ އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. އަތޮޅުގެ ކައުންސިލުތައް ގުޅިގެން ތަރައްގީއަށް މަސައްކަތް ކުރުމަށް އެކުލަވާލަން މަޝްވަރާކުރި ބޯޑުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފަށް އަންގައިފިއެވެ.

ހދ. އަތޮޅުގެ ކައުންސިލުތަކުގެ ރައީސުންނާއެކު ކުޅުދުއްފުށީގެ މޭޔަރ މުހައްމަދު އާތިފް މި މަހުގެ 2 ވަނަ ދުވަހު ބޭއްވެވި އޮންލައިން މަޝްވަރާ ބައްދަލުވުމެއްގައި، އަތޮޅުގެ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލަން ނިންމައި، އެ ބޯޑުގެ މަގްސަދުތައް އެކުލަވާލައި މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހުގެ 15 ގެ ކުރިން ކަނޑައަޅަން ވަނީ ނިންމައިފައެވެ.

ހދ އަތޮޅު ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި އެ ރައީސުން ވަނީ މޭޔަރު އާތިފްގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައިފައެވެ.

އެ ބޯޑު އުފައްދަން ނިންމުމާ ގުޅިގެން އެލްޖީއޭއިން މޭޔަރ އާތިފަށް ފޮނުވި ސިޓީއެއްގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 17 ވަނަ އިސްލާހުން އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލުތަކުން ދެމުން ގެންދިޔަ އިދާރީ ހިދުމަތްތަކާއި މަސްއޫލިއްޔަތުތައް އެލްޖީއޭއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެލްޖީއޭގެ މަސްއޫލިއްޔަތެއްކަން ލާމަރުކަޒީ ގާނޫނުން އެނގޭ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރަށު ކައުންސިލުތައް ގުޅިގެން ވަކި ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެލްޖީއޭގެ ސިޓީގައިވެއެވެ.

”ދެންނެވުނު ކަންކަން އެހެން ހުރުމާއެކު ތިޔަ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތްކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް މި އޮތޯރިޓީން ދެކެމެވެ. ކައުންސިލުތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމްކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުށޫއަރާ ކަމެއް ކަމުގައި މި އޮތޯރިޓީން ދެކެމެވެ.“

އެހެންކަމުން، ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން އެކުލަވާލަން ނިންމާފައި ބޯޑުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް އެ ސިޓީގައި އަންގާފައިވެއެވެ. އަދި އެފަދަ ބޯޑެއް އެކުލަވާލުމަށް ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލުވި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އަންގާފައިވެއެވެ.

މި އުޅެނީ އަތޮޅު ކައުންސިލެއް އުފައްދާކަށެއް ނޫން: މޭޔަރު

އެ ސިޓީއާ ގުޅިގެން ކުޅުދުއްފުށީގެ މޭޔަރ އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެލްޖީއޭގެ ސިޓީއާ ގުޅިގެން އަޖައިބުވެ ހައިރާންވެއްޖެ ކަމަށެވެ. އަދި އެ ދަރަޖައަށް އެލްޖީއޭ ވެއްޓޭނެކަމަށް ހީނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، ކައުންސިލުތައް ގުޅިގެން ކުރަން އުޅޭ މަސައްކަތަކީ އަތޮޅު ކައުންސިލެއް އުފެއްދުން ނޫން ކަމަށާއި އެލްޖީއޭއިން ދޭ ހިދުމަތެއް ވެސް ދޭން ނޫޅޭ ކަމަށެވެ. އަދި އެއީ އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެއެވެ.

ހދ. އަތޮޅުގެ ކައުންސިލް ރައީސުން ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން

”އަޅުގަނޑުމެން މިއުޅެނީކީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތަކެއް ދޭކަށް ނޫން އަމުދަކުން، އަޅުގަނޑުމެން މި އުޅެނީ މި އަތޮޅުގެ ރަށްތައް ގުޅިގެން މި އަތޮޅުގެ ތަރައްޤީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލާ، އެކަންކަމުން ނަތީޖާއެއް ހޯދުމަށް، މިކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް،“ އާތިފް ވިދާޅުވިއެވެ.

އެކަން ހުއްޓާލުމަށް އެލްޖީއޭއިން އަންގާއިރު އެލްޖީއޭއިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވާ މާކުސް ދޭގޮތަށް އޮންނަކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، އެލްޖީއޭގެ ސިޓީގައި ވަނީ އެބޭފުޅުންގެ އެލްޖީއޭގެ އުސޫލުތަކާވެސް ހިލާފު ވާހަކަތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެހެން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: