ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަތް މަސް ތެރޭގައި ނިމޭނެ: މިނިސްޓަރ ގީލާ

ހެލްތް މިނިސްޓަރ ގީލާ އަލީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަތް މަސް ތެރޭގައި ނިމޭނެކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ގީލާ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ބ. ކިހާދޫގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ރައީސްގެ ވައުދުފުޅާއެކު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ގީލާ ވިދާޅުވީ، ބ. ކިހާދޫގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި އަދި އެ މަސައްކަތް މިހާރު ރަށަށް މޮބަލައިޒްކުރެވި ކުރިއަށް އޮތް ހަތް މަސް ތެރޭގައި ނިމޭނެކަމަށެވެ.

”ބ. ކިހާދޫގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފަ، އަދި އެ މަސައްކަތް މިހާރު ވަނީ ރަށަށް މޮބަލައިޒްކުރެވިފައި. އަދި އެކްސްޓެންޝަން މަސައްކަތުގެ އަމަލީ މަސައްކަތް މި މަސްތެރޭ ފެށިގެންދާނެ.“ ގީލާ

މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރު އެ މަސައްކަތް ނިމި ހިދުމަތްތައް ދެވޭނެކަމަށެވެ. އަދި އާ އިމާރާތާއެކު ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު އިމާރާތުގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށް ދިޔަޔަސް ސިއްހީ މަރުކަޒުން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތް ދަތިތަކެއް ނެތި ފޯރުކޮށްދެވެމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ކިހާދޫގެ އާބާދީ ކުޑަ ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު ސެންޓަރުގައި އާއްމު ބަލި ބަލިތަކުގެ ޑޮކްޓަރަކާއި ނަރުހުންވެސް އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިވަގުތުވެސް 16 މުވައްޒަފަކު ހިދުމަތް ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ބަލިތައް ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ހެދުންކަމަށްވާއިރު، އާއްމު ބަލިތައް ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް ބޭނުންވާނެ ވަސީލަތްތައް ކިހާދޫގައި ގާއިމުކޮށް ލެބޯޓަރީގެ ހިދުމަތް މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެ ރަށުގައި ފޯރުކޮށްދޭން ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ބަލިތައް ތަހުލީލުކުރެވޭނެ ނިޒާމެއް ގާއިމުކުރުން. އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި ރަށުގައި ހުރެގެން އާއްމު ބަލިތަކަށް ބޭނުންވާ 13 ވައްތަރެއްގެ ޓެސްޓެއް ޕޮއިންޓް އޮފް ކެއާގެ ތެރެއިން ހެދޭނެ އިންތިޒާމު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ހަމަޖައްސަވާފައި. މިއީ މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން މި ރަށުގައި ގާއިމުކޮށްފައިވާ ހިދުމަތެއް ނޫންކަން އަޅުގަނޑު ފާހަގަކުރަން،“ ގީލާ ވިދާޅުވިއެވެ.

ލެބޯޓަރީގެ ހިދުމަތަކީ އާބާދީ ކުޑަ ރަށްރަށުންވެސް ލިބެންޖެހޭނެ ހިދުމަތެއް ކަމުގައި ދެކިގެން ކިހާދޫގެ އިތުރުން ލެބޯޓަރީ ނެތް ހުރިހާ ރަށެއްގައި ލެބޯރަޓަރީ ގާއިމުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކިހާދޫގައި ލެބޯޓަރީ ގާއިމުކޮށް މި އަހަރު އެތަނަށް ބޭނުންވާ މުވައްޒަފުންވެސް ހަމަޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެތަނުގެ ހިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ އަދި އިދާރީ މުވައްޒަފުންވެސް ހަމަޖެހޭނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި ކިހާދޫއަށް އެމްބިއުލާންސެއް ފޯރުކޮށްދީ ހިދުމަތް މިހާރު ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެރަށުގައި އައު ހިދުމަތްތައް ތައާރަފުކުރެވި އެ ހިދުމަތްތަކުގެ ފަސޭހަކަން ރައްޔިތުންނަށް ލިބެމުންދާކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގެ އާބާދީއަށް ބެލުމެއް ނެތި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކިހާދޫގައިވެސް އައު ހިދުމަތްތަކެއް ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އިމާރާތްތަކެއް އެޅުން އެކަނި ނޫޏްކަމަށާއި ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކަށްވެސް ގާތުން ފަސޭހައިން ސިއްހީ ހިދުމަތްތައް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށް މިނިސްޓާރ ގީލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: