ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހަށް ބަދަލު ގެންނަން އެމްޑީޕީން ހުށަހަޅައިފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ތަންތަން ވަޒީރުންގެ މަޖިލީހަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަދަލުކުރަން އެ އިސްލާހަށް އެމްޑީޕީން މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިމާއި ވަސީލަތްތައް މަޝްވަރާއަކާ ނުލައި އަތުނުލެވޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ދިރާސާކުރަން މިހާރު ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

އަބްދުލްހައްނާން ހުށަހެޅުއްވި އިސްލާހު ބަދަލުކުރަން އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް މިއަދު އިސްލާހެއް ހުށަހަޅާފައިވާއިރު، އެމްޑީޕީން ހުށަހަޅާފައިވަނީ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައިވާ ބިމާއި ވަސީލަތްތައް މަޝްވަރާއަކާ ނުލައި އަތުނުލެވޭ ގޮތަށް އިސްލާހު ބަދަލުކުރުމަށެވެ.

އެމްޑީޕީން ހުށަހެޅެއްވި އިސްލާހުގައި ވަނީ، ރަށެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ބިމެއް ފަޅެއް ނުވަތަ ފަޅުރަށެއް ނުވަތަ ކަނޑުގެ ވަސީލަތެއް ނުވަތަ އެއްވެސް އެސެޓެއް އެ ކައުންސިލަކާ މަޝްވަރާކުރުމަކާ ނުލައި މަރުކަޒީ ސަރުކާރަށް ނުނެގޭނެ ކަމަށެވެ.

މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލުތައް ދެެމެދުގައި އިހްތިސާސްތަކާއި ވަސީލަތްތައް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި މަޝްވަރާކުރުމުގެ މަރުހަލާތައް ބަޔާންކުރާ ގަވައިދެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކުލަވާލައި އާންމުކުރަންޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެމްޑީޕީން ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހްތިސާސަށް ނުވަތަ ވަސީލަތްތައް ބަދަލެއް ގެންނަން ހުށަހަޅައިފި ހާލަތެއްގައި އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ ކައުންސިލަކުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާއެކު އާންމު ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ގޮތަށް ވެސް އިސްލާހު ގެންނަން ހުށަހަޅާފައިވެއެވެ.

ކައުންސިލެއްގެ އިހްތިސާސުން އެސެޓެއް ނުވަތަ ވަސީލަތެއް ވަކިކުރުމަށް މަރުކަޒީ ސަރުކާރުން ބޭނުންވާނަމަ އެކަން ކުރަންޖެހޭ ސަބަބާއި އެ ނިންމުމުގެ ސަބަބުން އާންމު މަސްލަހަތު ހިމާޔަތްކުރެވޭ ގޮތުގެ ތަފްސީލީ ބަޔާނެއް މަރުކަޒީ ސަރުކާރުން ލިޔުމުން އެކުލަވާލައި އާންމުކުރަންޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނަން އެމްޑީޕީން ހުށަހަޅާފައިވެއެވެ.

މިހާރު އޮތް ގާނޫނުގެ ދަށުން ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް، އާ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ މިލްކިއްޔާތުގައި ހުންނަ ތަންތަން އަތުލުމުގެ ބާރު މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ. މިފަހުން ވެސް އައްޑޫ ސިޓީގެ ސަވާހިލީގައި މަޝްރޫއެއް ހިންގަން ކައުންސިލުން ނިންމާފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ރަށް އައްޑޫ ސިޓީގެ އިހްތިސާސުން ވަކިކޮށްފައެވެ.

އަބްދުލްހައްނާން ހުށަހެޅުއްވި އިސްލާހަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ގެންނަން އުޅޭ ބަދަލެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް އާންމު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ”އާންމުންގެ ޖަމިއްޔާ“ގެ ފައުންޑަރ މިދުއަމް ސައުދު އިސްނަގައި އެކަން ހުއްޓުވަން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާނަކީ އަމިއްލަ މެމްބަރެއް ނަމަވެސް، އޭނާ މީގެ ކުރިން ވެސް ސަރުކާރުން ބޭނުންވާ އިސްލާހުތަކެއް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި އާ ކޮމިޝަނެއް އުފައްދި ބިިލު ވެސް ހުށަހެޅުއްވީ އަބްދުލްހައްނާނެވެ.

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި އިސްލާހު ހުށަހަޅާފައި މިވަނީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ޕާޓީއަށް ބޮޑެތި ސިޓީތަކުންނާއި ރަށްތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: