ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ މިލްކުވެރިކަމުން ބިންތައް ސަރުކާރަށް ނެގޭނެ އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތައް ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ. ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މި އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސޯސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށް ގެނެވޭ ބަދަލެކެވެ.

މި ބަދަލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. މެންބަރު ހަންނާން ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ބިލުގެ 56 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި، އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. ”އެފަދަ ނިންމުމެއް ނިންމައި، ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެކަން އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ،“ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ ކައުންސިލުން އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީ މިހާރު ލާޒިމް ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުގައި ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން މަނާކުރާ ހާއްސަ މާއްދާއެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ކުރިމަތިކުރުމަކީ ކޮށްގެން ނުވާނެ ކަމެކެވެ. މި އިސްލާހު ފާސްވެ ތަސްދީގުވެއްޖެނަމަ، ރަށްރަށުގެ ބިންތަކުގެ މައްޗަށް ކައުންސިލްތަކަށް މިހާރު އޮންނަ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: