ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގަމުން އައި ޓެރިފް ކަނޑާލުމުގެ ސަބަބުން ރާއްޖޭގައި މަސްގަތުމުގެ ރަނގަޅު ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ އިނގިރޭސިވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމާއެކު ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ ކުންފުނިތަކަށާއި ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ރަނގަޅު އަގުގައި މަސްވެރިންގެ އަތުން މަސް ގަތުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތަށް ގިނައިން މަސް އެކްސްޕޯޓްކުރަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، އެ ކުންފުނިތަކުން މަސްވެރިންނަށް ރަނގަޅު އަގެއް ދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު މިފްކޯއިން މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ގަންނަމުންދާއިރު، ބައެއް ފަހަރު 22 ރުފިޔާއަށްވެސް ގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދުވަސްވަރު އަމިއްލަ ކުންފުނިތަކުން މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއާއި 22 ރުފިޔާއާއި ދެމެދުގެ އަގެއްގައި ކަމަށްވެސް ވިދާޅުވިއެވެ. ”ރަނގަޅު ހަގީގީ ވާދަވެރިކަމެއް އުފެދިފައިވާކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން،“ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، މަހަށް ރަނގަޅު އަގެއް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވަނީ ރާއްޖޭގައި ޕްރޮސެސްކުރެވޭ މަހުގެ މިންވަރު މަދުކަން ފާހަގަކުރައްވާފައެވެ. އެކަން އެހެން މެދުވެރިވަނީ ދަޅުގައި މަސް ބަންދުކުރުމުގެ ގާބިލުކަން ވަކި މިންވަރެއްގައި ހިފެހެއްޓިފައިވުމާއި، މަސް ރައްކާކުރުމުގެ ގާބިލުކަން ހުރިގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތަށް 9 ވަނައަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމެވެ. އަދި އިނގިރޭސިވިލާތަކީ ރާއްޖެއިން 2 ވަނައަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމެވެ. ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 މިލިއަން އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑުމަސް ބޭރުކުރެއެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް މަސް ބޭރުކުރުމަށް ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑިފައިވާއިރު، އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އެ ޤައުމުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: