ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ކަށިމާ އަޙްމަދު ޝާކިރަށް އަރުވައިފިއެވެ.
އެ އިއްޒަތް ކަށިމާ އަޙްމަދު ޝާކިރަށް އެރުވީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ކަށިމާ އަޙްމަދު ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެއްޓެވީ 30 ޖުލައި 1969 ގައެވެ. އޭނާ މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލުކަމާއި، ޝިޕިންގ މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލްކަމުގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ.
ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަޤާމުވެސް ފުރުއްވިއެވެ. އޭނާ ވަނީ ޢުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ވެސް ހާސިލުކުރައްވާފައެވެ.
ސަރުކާރުގެ ޗާޕުޚާނާއިން ފެއްޓެވި ޚިދުމަތުގެ ތެރެއިން ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި ކަށިމާ ޝާކިރަކީ ރާއްޖޭގެ ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ފަންނާނެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކުން ފެށިގެން އޮލިމްޕިއަންސް ޝޯތަކާއި، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ހުށަހަޅުއްވައިދެއްވިއެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން ޣާޒީ ބަންޑާރައިން، ދޮންހިޔަލައާއި އަލިފުޅު އަދި ތަރާގަނޑުގެ ކަށިގަނޑު ފަދަ ޓެލެޑްރާމާތަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި ތަރިން ތަމްރީނުކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަޙްމަދު ޝާކިރު ހިދުމަތްކުރައްވާފައިވާއިރު، ”ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ“ އެ ފޮތާއި، އެ ސީރީޒްގެ އިތުރު 5 ވޮލިއުމް ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ”އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް“، ”ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު“، ”ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު“ ފަދަ ފޮތްތަކުގެ އިތުރުން ދަޢުލަތުގެ މުއައްސަސާތަކުގެ ތާރީޚު ފޮތްތަކާއި ރާއްޖޭގެ އިސް ޚިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައްވެސް ވަނީ ލިޔުއްވާފައެވެ.
އެމަނިކުފާނަށް މީގެ ކުރިން ތަމްސީލު ކުޅުމުގެ ރޮނގުންނާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ނޫސްވެރިކަމުގެ ރިހިގަލަން، އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ ”ޙަސަން ތާޖުއްދީން އެވޯޑް“ ލިބިވަޑައިގެންފައިވެއެވެ. އަދި 2025 ވަނަ އަހަރު ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި އެވޯޑުވެސް ހާސިލުކުރެއްވިއެވެ. މިހާރު ވެސް ހިދުމަތުގައި ހުންނެވި ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެއްގެ އިތުރުން ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންވެސް މެއެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކާއި އެއް ޖަމިއްޔާއަށް އަރުވާފައިވެއެވެ. އެ ފަރާތްތަކަކީ:
- 1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ގދ. ފަރެސްމާތޮޑާ، ހުސްނުހީނާގެ، އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު
- 2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ވ. ވަސްމީރުފިޔަ، އަލްފާޟިލް އިބްރާހީމް ރަޝީދު
- 3- ޞިއްޙީ ދާއިރާއިން: ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ)
- 4- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ގ. ނޫރީފެހި، އަލްފާޟިލާ ނަޖުމާ ޙުސައިން
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.

